ފުރަތަމަ ހަމަހު ވަގަށްނެގި ސައިކަލުތަކުގެ އަގު 21 މިލިއަނަށް އަރާ - ޕޮލިސް

2019 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު މާލެ ސަރަހައްދުން ގެއްލިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ރިޕޯޓްކޮށްފައިވާ ސައިލަތުގެ އަގު އެކާވީސް މިލިއަނަށްވުރެ މައްޗަށް އަރާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ޢާއްމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި 401 ސައިކަލު ވަގަށް ނެގިކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާއިރު، އޭގެތެރެއިން މިހާތަނަށް ފެނިފައިވަނީ 264 ސައިކަލެއެވެ.

"ގެއްލިގެން ހުށަހަޅާފައިވާ ސައިކަލުތަކުގެ އަގަށް ބަލާއިރު ގާތްގަނޑަކަށް 21,796,400 (އެކާވިސް މިލިއަން ހަތް ސަތޭކަ ނުވަދިހަ ހަ ހާސް ހަތަރު ސަތޭކަ) ރުފިޔާ އަށް އަރާ." ފުލުހުން ވިދާޅުވިއެވެ.

މާލެ ހިމެނޭ ސަރަހައްދުން ސައިކަލު ވަގަށް ނެގުން އިންތިހާއަށް އިތުރުވެފައިވާއިރު، ސައިކަލްގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

"ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ހުއްޓުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ފަރުދީ ގޮތުން ކުރެވިދާނެކަންކަމަށް ސާމާލުކަން ދެއްވާ. އަދި ސައިކަލެއް ވަގަށް ނަގާ މަންޒަރު ފެނިއްޖެނަމަ ނުވަތަ ސައިކަލެއް ވަގަށް ނަގަން އުޅޭ ކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ ލަސްނުކުރައްވާ ފުލުހުންނަށް އެކަން ރިޕޯޓު ކޮށްދެއްވާ." ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ