ނޮވެންބަރު ދެވަނަ ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ ރެލީއަށް ކާނިވާ ސަރަހައްދު ދެވެން ނެތްކަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އަންގައިފިއެވެ.
ޕްލޭނިންގ މިނިސްޓްރީން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޝަކީލަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ އެފަރާތުން އެދިލައްވާފައިވާ ތާރީޚަށް ކާނިވާ ސަރަހައްދު އެހެން ފަރާތެއްގެ ބޭނުމަށް ދޫކޮށްފައިވާތީ، އެފަރާތަށް އެ ސަރަހައްދު ދެވެން ނެތްކަމަށެވެ.
އިދިކޮޅު ކޯލިޝަނަށް ކާނިވާ ސަރަހައްދު ނުލިބުމާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ "ބަޑި ބުރާސްފަތި" ރެލީ ބާއްވާތަން ކާނިވާ ސަރަހައްދު ދޭކަށް މި ސަރުކާރަށް ނުކެރުނުކަމަށެވެ. ޝުޖާޢު ވިދަޅުވީ އެހެން ކަމުން މި ރެލީ ބާއްވާތަން ވަނީ ބަދަލުވެފައިވާ ކަމަށާއި، އެއްވުން އޮންނާނީ ނޮވެންބަރު 02 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި ޕީޕީއެމް އޮފީސް ކުރިމަތީ ގައި ކަމަށެވެ.
ޝުޖާޢު ވިދާޅުވެފައިވަނީ ޕީޕީއެމް އިން އެ ސަރަހައްދު ހޯދަން އެދުނުއިރު އެހެން ބަޔަކު އެ ސަހަރައްދު ހޯދުމަށް އެދިފައިވާކަން އެނގިފައިނުވާ ކަމަށެވެ. އަދި އެރޭ އެ ސަހަރައްދުގައި އެއްވެސް ކަމެއް ކުރިޔަށް ދޭތޯ ބަލާނެކަމުގައިވެސް ޝުޖަޢުވަނީ ވިދާޅުވެފައެވެ.
މި ރެލީގައި ބައިވެރިވުމަށް ހުރިހާ ލޮބުވެތި ރައްޔިތުންނަށް ޝުޖާޢުވަނީ ދަޢުވަތު އަރުވާފައެވެ.



