އެމްއެންޑީއެންގެ ރިޕޯޓްގައި ދީނަށް ފުރައްސާރަ ކޮށްފައިވާކަމަށް ފުލުހުން ނިންމައިފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްއެންޑީއެން)ގެ ރިޕޯޓްގައި ދީނަށް ފުރައްސާރަ ކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނިންމައިފިއެވެ.

ފުލުހުން މިގޮތަށް ނިންމާފައިވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓަށް ފުލުހުން ތައްޔާރުކުރި އިނީޝަލް ރިޕޯޓްގެ މައްޗަށް ބިނާކޮށެވެ.

އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓަށް ފުލުހުން ހެދި އިނީޝަލް އެސެސްމެންޓްއިން، އެ ރިޕޯޓްގައި އިސްލާމްދީނަށް ތައުހީނުކުރުމުގެ ގޮތުން ފާޑުކިޔާފައިވާ ކަމަށާއި، އިސްލާމްދީނާއި ކީރިތި ރަސޫލާ (ޞއވ) އަށް ފުރައްސާރަކޮށްފައިވާކަމަށް ފެންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެމްޑީއެން އިން ރިޕޯޓްގައި، އިސްލާމްދީނާއި ކީރިތި ރަސޫލާ (ޞއވ) އަށް ފުރައްސާރަކޮށްފައިވާކަމަށް ފެންނަ ކަމަށް، ޔޫތް މިނިސްޓްރީގައި ފުލުހުން ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް ފުލުހުން މިގޮތަށް ޔޫތް މިނިސްޓްރީގައި ދެންނެވި އިރެއް ފުލުހުން ވިދާޅެއް ނުވެއެވެ.

އެމްޑީއެންގެ ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށްފައިވާކަމަށް ފުލުހުން ބުނެފައިވާއިރު މި ޖަމިއްޔާވަނީ ފުލުހުންގެ ތަހުގީގު ނިމޭންދެން ޔޫތު މިނިސްޓްރީން ވަގުތީގޮތުން ސަސްޕެންޑް ކޮށްފައެވެ. އެމްޑީއެން އުވާލަން ފަސްޖެހެމުންދާ ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް މިމައްސަލައިގައި ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ފުލުހުން އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ކުރަމުންދިޔަ ތަހުގީގަށްފަހު އެ ޖަމާއަތުން ދީނަށް ފުރައްސާރަކޮށްފައިވާކަން ނިންމައިފައި މިވަނީ މިއަދުގެ ވަގުތެއްގައި ސަރުކާރުން އެމްޑީއެން އުވާލާނެކަމަށް ރޭގެ ވަގުތެއްގައި އަޑު ފެތުރިފައި ވަނިކޮށްކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ