ލީގު 1 - ޑިޖޮން އިން ޕީއެސްޖީ ބަލިކޮށްފި

ފްރެންޗް ލީގު 1 ގައި ރޭ ކުޅުނު މެޗުގައި ޑިޖޮން ފުޓްބޯލް ކޯޓެޑޯއިން ވަރުގަދަ ޕީއެސްޖީ ބަލިކޮށްފިއެވެ.

ރޭގެ މެޗުން ޕީއެސްޖީ ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނަގާފައިވަނީ ޕީއެސްޖީއިންނެވެ. 19 ވަނަ މިނަޓްގައި ފެނިގެންދިޔަ ހިތްގައިމު މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. މިއީ އެމްބާޕޭ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ޖެހި 7 ވަނަ ލަނޑެވެ. ޑިޖޮންއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުއެވެ. އަދި ދެވަނަ ހާފު ފެއްޓުމާއެކު ކާޑިޒް ކާމިޔާބުކުރި ލަނޑަކާއެކު ޑިޖޮންއިންވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ.

ލަނޑު ޖަހާނެ އިތުރު ފުރުޞަތުތައް ދެޓީމަށްވެސް ވަނީ ލިބިގެންގޮސްފައެވެ. އެގޮތުން ނަތީޖާ ހަމަހަމަ ކުރަން އިކާޑީއަށާއި ކަވާނީއަށް ލިބުނު ފުރުޞަތު ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް މިއިން އެއްވެސް ފުރުޞަތެއްގެ ބޭނުން ނުހިފި މެޗު ނިމިގެން ގޮސްފައިވަނީ 2-1 ގެ ނަތީޖާއަކުން ޕީއެސްޖީ ބަލިވެގެންނެވެ.

2019 ގައި ޕީއެސްޖީން ލީގު 1 8 މެޗުން ބަލިވެފައިވާއިރު، 9 އަހަރަށްފަހު އެއް އަހަރެއްގައި މިހާގިނަ ބައްޔާއި ޕީއެސްޖީއަށް ކުރިމަތިލާންޖެހޭ މިއީ ފުރަތަމަ ފަހަރެވެ. އެއް އަހަރެއްގައި އެންމެ ގިނައިން ޕީއެސްޖީ ލީގު 1 ގައި ބަލިވެފައިވަނީ 2010 ވަނަ އަހަރުއެވެ. އެއަހަރު ޕީއެސްޖީވަނީ 13 މެޗުން ބަލިވެފައެވެ.

މިސީޒަންގައި ޕީއެސްޖީއިން ލީގު 1 ގެ 12 މެޗު ކުޅެފައިވާއިރު، 9 މެޗުންވަނީ މޮޅުވެފައެވެ. ބަލިވެފައިވަނީ އެންމެ 3 މެޗުން ނެވެ. އަދި 27 ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ތާވަލްގެ އެއްވަނާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ