މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯރޓްގެ މައްސަލައިގެ ތަޙުޤީޤަށް ޙާޟިރުވާން އަޒުރާ ނަސީމް ދެކޮޅު ހަދައިފިއެވެ.
އިސްލާމްދީނާ ޚިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓު ނެރުނު މައްސަލާގައި އެމްޑީއެންގައި އިސްކޮށް ޙަރަކާތްތެރިވި އެކަކު ކަމަށްވާ އަޒްރާ ރާއްޖެއައުމަށް އުޒުރުވެރިވެވާކަން ފުލުހުންނަށް އަންގާފައިވާކަން ފުލުހުންވަނީ ކަށަވަރުކޮށްދީފައެވެ.
އެގޮތުން ފުލުހުން ވިދާޅުވީ، ސަލާމަތީ ސަބަބުތަކަށްޓަކައި އަދި ރައްކާތެރި މާހައުލެއް ރާއްޖެއިން ލިބޭނެ ކަމުގެ ޔަގީންކަން ނެތުމާއި އެކު ރާއްޖެއައުމަށް އުޒުރުވެރިވާ ކަމަށްބުނެ އަޒްރާ ފުލުހުންނަށް އަންގާފައިވާކަމަށެވެ.
ފުލުހުން މީގެކުރިން ވިދާޅުވެފައިވަނީ މިމައްސަލައިގެ ތަޙުޤީޤަށް ޙާޟިރުވުމަށް ޝަހިންދާ އަދި އަޒްރާއަށް ޗިޓު ފޮނުވާފައިވާ ކަމަށެވެ. އަދި ޝަހިންދާގެ ފަރާތުން އަދި ޖަވާބެއް ލިބިފައިނުވާއިރު، ޗިޓުގެ މުއްދަތުވެސް ހަމަނުވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. ފުލުހުން މިދެމީހުންނަށް ދިން ޗިޓްގައި 14 ދުވަހުގެ މުޙުލަތެއް ދީފައިވެއެވެ.
މިމައްސަލާގައި ފުލުހުން ދެން އަމަލު ކުރާނީ ކިހިނެއް ކަމެއް އަދި ހާމަކޮށްފައިނުވާއިރު، މިކަމުގެ އިތުރު ތަފްސީލެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި ރާއްޖޭ މިހާ ހަލަބޮލިވެފައިވީނަމަވެސް މިހާތަނަށް އެޖަމްޢިއްޔާ ވަގުތީ ގޮތުން ސަސްޕެންޑް ކުރުން ފިޔަވާ އިތުރު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެހެންކަމުން ގިނަބަޔަކު ދަނީ ފިޔަވަޅު އެޅުން ލަސްވާތީ އެކަމާ ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ.



