ދަރިން ތަރުބިއްޔަރުކުރަންވީ ޔޫޓިއުބުގައިތޯ؟

ކުޑަކުދިންނަކީ މި ޤައުމުގެ މުސްތަޤުބަލެވެ. މުސްޤުބަލުގައި ޤައުމު އުސް ހަރުފަތްތަކަށް އަރުވައިދޭން ތިބީ ދިވެހި ޒުވާނުންނެވެ. އެކުދިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ނުކުރެވިއްޖެނަމަ ޤައުމު ސުންނާފަތި ކުރާ ހަތިޔާރުތަކަކަށް އެކުދިން ވެދާނެއެވެ. މުޖުތަމަޢުއަށް ޖެހޭ ބޮޑު ވަބާއަކަށް އެކުދިން ވެގެން ހިނގައިދާނެއެވެ.

އެހެންކަމުން އެކުދިން ރަނގަޅު ތަރުބިއްޔަތެއްގެ މަތީ ބޮޑު ކުރުމުގެ ޒިންމާ ނަގަން ޖެހޭނީ އެކުދިންގެ ބެލެނިވެރިންނެވެ. ރަނގަޅު އަޙްލާގެއްގެ މަތީ ބޮޑު ކުރުމުގެ ޒިންމާ ނަގަންޖެހޭނީ އެކުދިންގެ މައިންބަފައިންނެވެ.

މިއަދު މިއޮތީ ޒަމާން ބަދަލުވެފައެވެ. ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރައިގެންގޮސްފައިވާ މި ޒަމާނުގައި ކުޑަކުދިން ތަރުބިއްޔަތު ކުރުމަށްވެސް މިވަނީ މިކަމުގެ އަސަރު ފޯރައިފައެވެ. އެގޮތުން ކުޑަކުއްޖާގެ އެންމެ ތުއްތު އުމުރުންފެށިގެން ފޯނު މެދުވެރިކޮށް "ޔޫޓިއުބް" އިން އެކިކަހަލަ ވީޑިއޯދައްކަނީ އެކުދިންގެ ވިސްނުން ތޫނުކޮށްދިނުމަށެވެ. އެކުދިންގެ ބޮޑުވަމުން އަންނައިރު އެކުދިންނަށް ރަނގަޅު ތަޢުލީމެއް ދޭށެވެ. އެކުދިން ރޯން ފެށުމުން މަސަލަސް ކުރުމަށެވެ. މިއީ ގިނަ ބެލެނިވެރިން ޤަބޫލުކުރާ ގޮތެވެ.

ނަތީޖާއަކަށް ވަނީ، ކުޑަކުދިން މިކަމަށް ދެވި ހިފުމެވެ. ނިދާއިރު ޝަހާދަތް ކިޔުމުގެ ބަދަލުގައި ބޮޑަށް ސަމާލުކަމަން ދެނީ ޔޫ ޓިއުބް އިން ލަވައެއް ބަލާލުމަށެވެ. ޔޫޓިއުބް ބަލަން ދިނީމަ ނޫނީ ކާންވެސް ނުފަށައެވެ. ސްކޫލަށް ދާން ފެންވަރަން ދަނީވެސް ޔޫޓިއުބްގައި ވަގުތު ކޮޅެއް ހޭދަކޮށްލައިފައެވެ. އަދި ސްކޫލުން ގެއަށް އައުމަށްފަހުވެސް ފިލާވަޅު ހެދުމުގެ ބަދަލުގައި ސަމާލުކަން ދެވެނީ ޔޫޓިއުބް އަށެވެ. ނަމާދު ވަގުތު ޖެހި ފަސްވެގެންދާއިރުވެސް އޮންނަނީ އޭގެ ތެރެއަށް ވަދެ ގެއްލިފައެވެ.

މި ކަމުގެ ސަބަބުން ދަރިންނަށް މިދެވެނީ ރަނގަޅު ތަރުބިއްޔަތެއް ހެއްޔެވެ؟ ދަރިން ބޮޑުވެގެން އަންނައިރު މިކަމުގެ ސަބަބުން އެކުދިންގެ އަޙްލާގަށް ފޯރާނެ ނުރަނގަޅު އަސަރާ މެދު ކުޑަކޮށްވެސް ވިސްނާލިންހެއްޔެވެ.؟

ހުރިހާކަމެއްގެ ހައްލަކީ ޔޫޓިއުބަށް ހަދައިފިނަމަ، މިކަމުގެ ސަބަބުން ދަރިން ދީނީ ކަންކަމާ ދުރުވާކަން ފާހަގަކުރެވޭހެއްޔެވެ؟ އެކުދިންގެ ހިތްތަކުގައި އީމާންތެރިކަން ހަރުދަނާ ކުރެވޭނެ ހެއްޔެވެ؟ އިސްލާމް ދީނުގެ ރަނގަޅު އަޤީދާގެ މަތީ އެކުދިން ބޮޑު ކުރެވޭނެ ހެއްޔެވެ.؟ މިއީ ކޮންމެ ބެލެނިވެރިއަކުވެސް އަމިއްލަ ނަފްސާ ކޮށްލުން މުހިއްމު ސުވާލުތަކެކެވެ.

ކުޑަކުދިން އަމިއްލައަށް ޔޫޓިއުބްއިން ކުރާނެ ކަމެއް ކޮށް، އެކުދިން ބަލާނެ އެއްޗެއް ބެލުމަށް ދޫކޮށްލުމަކީ ހަމަ އެންމެ ރައްކާތެރި ގޮތް ހެއްޔެވެ؟. ޔޫޓިއުބްގައި ކުޑަކުދިންގެ އުމުރާ ނުގުޅޭ އެތައް ވީޑިއޯތަކެއް ހިމެނޭއިރު، މިއީ ބެލެނިވެރިން ސަމާލުވާން ޖެހޭ ކަމެކެވެ.

ކުޑަކުދިންގެ ލަވައެއް އެއް ނޫނީ ކާރޓޫންއެއް ޔޫޓިއުބްއިން އަޅުވާފައި ކުއްޖާގެ އަތަށް ދޫކޮށްލެވޭއިރު އޭގެ ފަހުން އެކުދިން ބަލަނީ ކޯއްޗެއްތޯ ގިނަ ފަހަރު އޮންނާނީ ބެލެނިވެރިޔާއަށް ބަލާނުލެވިފައެވެ. އެކި ވީޑިއޯތައް ބަލަމުންގޮސް އެންމެ ފަހުން އެޅުވޭނީ، ކުޑަކުދިންނަށް ފެންނަން ނުޖެހޭ މަންޒަރުތައް ހިމެނޭ ވީޑިއޯތަކެވެ. އަހަރެމެންގެ މުޖުތަމަޢާ ނުގުޅޭ އަދި އިސްލާމް ދީނުގެ އަޤީދާއާ ބުރުއަރާ ވީޑީއޯތަކެވެ.

ޔޫޓިއުބްގެ ސަބަބުން ކުޑަކުދިންނަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީގޮތުން ނުރައްކާ ފޯރާ ވީޑިއޯތައް ދައުރުވަމުންދާކަމީ ހަޤީގަތެކެވެ. އަމިއްލަ ނަފްސަށް ގެއްލުންދިނުމަށާއި، އަމިއްލައަށް މަރުވުމަށް ބާރުއަޅާ ވީޑިއޯތައް ޔޫޓިއުބްގައި ދައަރުވަމުންދާކަމީވެސް ގަބޫލުކުރަން ޖެހޭ ހަޤީގަތެވެ.

ހަޤީގަތަކީ، މިއީ ކުޑަކުދިންގެ އަޤީދާ ގަސްދުގައި ބަލިކަށި ކުރުވުމަށް ކާފަރުން ކުރާ މަސައްކަތްކަމެވެ. ކުޑަކުދިން ހައްލާލައިގެން އެކުދިންނަށް ގެއްލުން ދިނުމަށް ދުނިޔޭގެ އެކި ހިސާބުތަކުން ފޯރުވާ ނުފޫޒުކަމެވެ.

ބެލެނިވެރިންނެވެ. ވިސްނާށެވެ.! ދަރިންނަކީ މާތް ﷲ އަހަރެމެންނަށް ދެއްވި ވަރަށް ބޮޑު އަމާނާތެކެވެ. އެހެންކަމުން މި ހުރިހާ ކަމަކަށް ބެލެނިވެރިން ހޭލުންތެރިވާން އެބަ ޖެހެއެވެ. ކުދިންގެ އަތަށް  ފޯނު ދޫކޮށް ނުލާށެވެ. ކުދިން އޭގެން ކުރާކަމެއް ކައިރިން ބަލާ، ނުރަނގަޅު އެއްޗެއް ބަލަނީކަމުގައި ވާނަމަ އެކުދިން ހުއްޓުވާށެވެ. އެއީ ރަނގަޅު އެއްޗެއް ނޫންކަން ކުދިންނަށް ވިސްނައިދޭށެވެ. ގަބޫލު ނުކުރާކަމުގައި ވަނީ ނަމަ، ވަގުތުފާއިތު ނުވަނީސް މިކަމުން އަވަހަށް ކުދިން ދުރުކުރާށެވެ.

ދަރިން ތަރުބިއްޔަރުކުރުމުގެ މުހިންމު ޒިންމާވެސް ޔޫޓިއުބަށް ދޫކޮށްލައިގެން އެއްގޮތަކަށްވެސް ކަމަކު ނުދާނެއެވެ!

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ