ބޮމުގެ ޙަމަލާގެ ޝިކާރައަކަށް ސްކޫލަށް ދިޔަ ނުވަ ކުދިން

އަފްޣާނިސްތާނުގެ އިރުއުތުރު ސަރަޙައްދުގައި އޮންނަ އަވަށެއްގައި ހިނގި ބޮމުގެ ހަމަލާއެއްގައި ނުވަ ކުޑަކުއްޖަކު މަރުވެއްޖެއެވެ. މި ލޭންޑް މައިން ބޮންތައް ގޮއްވާލާފައިވަނީ އެޤައުމުގައި، ތާލިބާނުންގެ އަތްދަށުގައި އޮންނަ އަވަށެއްކަމުގައިވާ ދަރުގަދުގައެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި މަރުވި ނުވަ ކުދިންނަކީ މިއަދު ހެނދުނު ސްކޫލަށް ދާން ގެއިން ނުކުތް ނުވަ ކުދިންނެވެ. ސްކޫލަށް ދިޔަ މަގުމަތީގައި، ތާލިބާނުންގެ ހަނގުރާމަވެރިން ވަޅުލައިފައިހުރި ލޭންޑް މައިންތަކުގެ މައްޗަށް އެރި، ގޮވީއެވެ.

މި ހިތާމަވެރި ޙާދިސާގައި މަރުވެފައިވަނީ އުމުރުން އަށް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިން ކަމުގައިވާއިރު، ހަނގުރާމަވެރި އެއްވެސް ޖަމާއަތަކުން އަދި މި ހަމަލާގެ ޒިންމާ އުފުލާފައިނުވެއެވެ. މިކަމާ ގުޅިގެން، ބައެއް މީޑިޔާތަކުން ވަނީ ތާލިބާނުންގެ ބަހެއް ހޯދުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް، އެމަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

"ރޮއިޓަސް" އިން ބުނެފައިވާ ގޮތުގައި، ތާލިބާނުންގެ އަތްދަށުން މި ސަރަޙައްދު މިނިވަން ކުރުމަށްޓަކައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ތާލިބާނުންނަށް އަމާޒުކޮށް ބައެއް ހަމަލާތަކެއް ދީފައިވެއެވެ. މަގުތަކުގައި މި ލޭންޑް މައިންތައް ވަޅުލާފައިވަނީވެސް މިކަމުގެ ސަބަބުންކަމަށް ރޮއިޓަސް އިން ބުނެފައިވެއެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައިވެސް ލޭންޑް މައިނެއްގެ ސަބަބުން އެޤައުމުގެ ހަތް ކުއްޖަކު މަރުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ