މުޒާހަރާތަކާ ގުޅިގެން އިރާޤުގެ ބޮޑުވަޒީރުވެސް އިސްތިއުފާ ދެނީ

 އިރާޤުގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާ ވަރުގެދަ މުޒާހަރާތަކުގެ އަޑު އަހާ، އެޤައުމުގެ ބޮޑުވަޒީރުކަމުގައި މަޤާމުން ފައިބައިވަޑައިގަންނަވަން، އާދިލް އަބްދުލް މަހުދީ ނިންމަވައިފިއެވެ. ބޮޑުވަޒީރު އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން ހާމަކުރައްވާފައިވަނީ އެޤައުމުގެ ރައީސް ބަރްހަމް ޞާލިހުއެވެ.

އެޤައުމުގެ "އަލް އިރާޤިޔާ ޓީވީ" މެދުވެރިކުރައްވާ ދެއްވި ބަޔާނެއްގައި ރައީސް ބަރްހަމް ވިދާޅުވީ، ބޮޑުވަޒީރުކަމުގައި މަޤާމުން ފައިބައިވަޑައިގަންނަވަން އާދިލް ނިންމަވާފައިވާކަމަށާއި، އެހެންނަމަވެސް، އެއީ އޭނާގެ ބަދަލުގައި އެހެން ބޭފުޅަކު ވެރިކަމަށް ހަވާލުވެވަޑައިގަންނަން ޖެހިވަޑައިގަންނަވާ ގޮތަށް ޝަރުތު ކުރެއްވުމަށްފަހުކަމަށެވެ.

ބޮޑުވަޒީރު އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން މިއަދު ހާމަކުރައްވާފައިވާއިރު، ނިމިގެން ދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. ހަމައެހެންމެ، ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންވެސް، އެޤައުމުގެ ބައެއް ސިޔާސީ ލީޑަރުންވެސް ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި ގޮވާލާފައެވެ.

އިރާޤުގައި މުޒާހަރާ ކުރަމުންދާ ފަރާތްތައް ބުނަމުންދަނީ ސަރުކާރާ ގުޅިގެން އެފަރާތްތަކުގެ ބޮޑެތި ޝަކުވާތަކެއް ހުރިކަމަށެވެ. އެގޮތުން، ވަޒީފާ ނެތުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާކަމަށާއި، ސަރުކާރުގެ ތެރޭގައިވެސް ކޮރަޕްޝަން އޮތީ އިންތިހާ ދަރަޖައަށްކަމަށެވެ. ހަމައެހެންމެ، ކަރަންޓާއި، ސާފު ބޯފެން ފަދަ ޒަރޫރީ ބޭނުންތައްވެސް، ސަރުކާރަށް ފުއްދައިދެވެމުން ނުދާކަމުގައެވެ.

މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ވަނީ ލީތަލް ހަތިޔާރު ބޭނުންކޮށްފައެވެ. ހަމައެހެންމެ، ކާފިއު އިއުލާންކޮށް، އިންޓަނެޓް ބޭނުންކުރުންވެސް މަނާކޮށްފައިވެއެވެ. އަސްލު ވަޒަން ބޭނުންކުރަނީ އަމިއްލަ ދިފާއުގައިކަމަށް ބުނިކަމުގައިވިޔަސް، މުޒާހަރާތަކުގައިވަނީ 200 އަށްވުރެ ގިނަ މީހުން މަރުވެފައެވެ.

މެދުއިރުމަތީގެ އެހެން ޤައުމެއްކަމުގައިވާ ލުބުނާނުގައިވެސް ވަނީ ވަރުގަދަ މުޒާހަރާތަކެއް ކޮށްފައެވެ. މި މުޒާހަރާތަކުގެ ސަބަބުން އެޤައުމުގެ ބޮޑުވަޒީރުވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ