ހަނގުރާމަވެރި "އަލްޤައިދާގެ" ކުރީގެ ލީޑަރު، އުސާމާ ބިން ލާދިންގެ ނަމުން ނަން ދީފައިވާ އެތެއް، ފަސް މީހުން މަރާލައިފިއެވެ.
އަވަށްޓެރި އިންޑިޔާގެ އައްސާމް ސްޓޭޓުގެ ޖަންގައްޔެއްގައި އުޅެމުންދާ މި އެތް، މަރާލާފައިވަނީ ޖަންގަލި ސަރަޙައްދުގައި ހުންނަ އަވަށެއްގައި ދިރިއުޅެމުންދާ ފަސް މީހެކެވެ. މިދިޔަ ހަފްތާގެ ތެރޭގައި މި ޙާދިސާ ހިނގާފައިވާއިރު، މީހުން މަރާލުމުގެ އިތުރުން، އެސަރަޙައްދުގެ ބައެއް ދަނޑުބިންތަކަށްވެސް ވަނީ ގެއްލުން ދީފައެވެ.
އައްސާމް ސްޓޭޓުގެ ފޮރެސްޓް ޑިޕާޓްމަންޓް އިން، "އޭއެފްޕީ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި އެތް މީހުންނަށް ހަމަލާ ދިނުމަށް ހަރަކާތްތެރިވެފައިވަނީ އެކަނިކަމުގައެވެ.
މި މައްސަލަ ބޮޑުވެ، ސަރަޙައްދުގެ މީހުން ބިރުވެރިކަމެއްގެ ތެރޭގައި ތިބުމުގެ ސަބަބުން، މިކަން ހައްލުކުރުމަށް ފޮރެސްޓް ޑިޕާޓްމަންޓް އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އޮޅުކޮށްފައި ހުރި އެހެން އެތް ބޭނުންކޮށްގެންނާއި، ޑްރޯން ބޭނުންކޮށްގެން، ލާދިން އެތް އުޅޭގޮތް ދަނީ ބަލަމުންނެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި މިގޮތަށް ކަންތައް ދިމާވަނީ، އެކި ސަބަބުތަކާ ގުޅިގެން އެތުގެ އަސްލު ވެށި ހަލާކުވަމުންދާތީއެވެ. މިކަމުގެ ސަބަބުން އެތްތައް ގޮސް އިންސާނުންނަށް ހަމަލާ ދިނުމަށް މަގުފަހިވާއިރު، މިފަދަ ޙާދިސާތަކުގެ ސަބަބުން، މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި 23،000 މީހުން މަރުވެފައިވެއެވެ.