ސްޕެއިންގެ ސެލްޓަވީގޯގެ އެކަޑަމީން ތަމްރީން ފުރުޞަތުތައް ދިވެހި ކުޅުންތެރިންނަށް ހޯދައިދިނުމަށް މަޝްވަރާކޮށްފި

ދިވެހި ފުޓްބޯޅަ ކުޅުންތެރިންނަށް ސްޕެއިންގެ ސެލްޓަވީގޯގެ ފުޓްބޯޅަ އެކަޑަމީން ތަމްރީން ފުރުޞަތުތައް ހޯދައިދިނުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ޓްވަރިޒަމް ޢަލީ ވަހީދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ މިއަދު ސެލްޓަވީގޯގެ އެކަޑަމީއަށް ޓްވަރިޒަމް މިނިސްޓަރާއި އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލްއާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ ކުރެއްވި ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުމުގައި އެ އެކަޑަމީގެ ކޯޗުން ރާއްޖެއަށް ޒިޔާރަތްކޮށް، ކޯޗިން ކޭމްޕްތައް ބޭއްވުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރ ސްޕެއިންއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ މާދަމާ އޮންނަ, ސްޕެނިޝް ލީގުގެ ސެލްޓަ ވިގޯގެ ޖޯޒީ އާއި ސްޓޭޑިއަމް އަދި އެ ޓީމުގެ ޕްރެކްޓިސް ކިޓުގައި ރާއްޖޭގެ އިސްތިހާރު ޖެހުމަށް އެގްރީމެންޓްގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރު ފުޅެވެ. މިއީ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރެއްވުމަށް ކުރައްވާ ކަމެކެވެ.

މި ރަސްމިއްޔާތު މާދަމާ ހަވީރު 16:00 ގައި ޓީވީއެމް އިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި އެކަޑަމީއަށް ކުރެއްވި ޒިޔާރަތުގައި އެތަނުގައި ކުޅުންތެރިން ތަމްރީންކުރުމަށް ޤާއިމްކޮށްފައިވާ ވަޞީލަތްތައް ބައްލަވާލައްވައި އެ ޓީމްގެ ބައެއް ކުޅުންތެރިންނާވެސް މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ