ކުދިން ތާށިވި ތައިލެންޑުގެ ހޮހޮޅަ އާއްމުންނަށް ހުޅުވާލައިފި

2018 ވަނަ އަހަރުގެ ތެރޭގައި، 12 ކުދިން ތާށިވި، ތައިލެންޑުގެ ތަމް ލުއަންގ ފަރުބަދައިގެ ހޮހޮޅަ، އާއްމުންނަށް ހުޅުވާލައިފިއެވެ. ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބުނު ޙާދިސާއަށްފަހު، ތައިލެންޑުގެ ޗިއަންގ ރައީގައި ހުންނަ މި ހޮހޮޅަ ހުޅުވާލާފައިވަނީ ހުކުރު ދުވަހުއެވެ.

"ބެންކޮކް ޕޯސްޓް" އިން ބުނެފައިވާ ގޮތުގައި، ރަސްމީކޮށް ހޮހޮޅަ ހުޅުވުން ހުކުރު ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، އެދުވަހު އެކަނިވެސް 2000 މީހުން ވަނީ ހޮހޮޅަ ބަލާލަން ވަނުމަށްޓަކައި އެސަރަޙައްދަށް ޖަމާވެފައެވެ. ހޮހޮޅަ ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އޮސް ފަރާތްތަކުންނާއި އެނޫންވެސް އިއްޒަތްތެރިން ވަނީ ބައިވެރިވެފައެވެ.

ކުދިން ތާށިވި ޙާދިސާއަށްފަހު، ހޮހޮޅައަށް ބަދަލުތަކެއް ގެނައުމަށްފަހު އަލުން ހުޅުވިއިރު، ސަލާމަތީ ގޮތުންވެސް އިތުރު ވަރުގަދަ ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ. އެގޮތުން، މިހާރު އެއްފަހަރާ ހޮހޮޅައަށް ވަނުމުގެ ހުއްދަ ދެނީ 20 މީހުންނަށެވެ. އަދި، ހޮހޮޅަ ހުޅުވިފައި ހުންނަ ގަޑިތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

ތަމް ލުއަންގ ހޮހޮޅައިގެ ތެރޭގައި ތާށިވި ވައިލްޑް ބޯރ ފުޓުބޯޅަ ކްލަބުގެ ކުޅުންތެރިންނާއި، މި ކުޅުންތެރިންގެ ކޯޗު ސަލާމަތްކުރެވިފައިވަނީ 17 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ވަރުގަދަ ރެސްކިއު އޮޕަރޭޝަނަކަށްފަހުއެވެ. މި އޮޕަރޭޝަނުގައި، ދުނިޔޭގެ އެތަން މިތަނުގައި އުޅެމުންދާ ކަމުގެ މާހިރުންވެސް ބައިވެރިވެފައިވެއެވެ.

ހޮހޮޅައިގެ ތެރޭގައި ތާށިވި ކުދިންނާއި ކޯޗު، ސަލާމަތްތެރިކަމާއެކު ސަލާމަތް ކުރެވުނުކަމުގައިވިޔަސް، މަސައްކަތުގައި ބައިވެރިވި މީހަކު މަރުވެފައިވެއެވެ.

މި ޙާދިސާގެ މައްޗަށް ނެޓްފްލިކްސް އިން ޑޮކިއުމެންޓްރީ އެއް އުފައްދާފައިވާއިރު، އެކި ފޮތްތައްވެސް ވަނީ ލިޔެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ