އެމެރިކާގެ ފްލޮރިޑާގައި ހިނގާފައިވާ މަރުގެ މައްސަލައެއްގެ ހަގީގަތް ހޯދުމަށްޓަކައި އެމޭޒޮންގެ "އެކޯ" ބޭނުން ކުރަން ނިންމައިފިއެވެ. އެކޯގައި ހިމެނޭ "އެލެކްސާ"، މަރުގެ މައްސަލައެއްގެ ހެއްކަކަށް ވެދާނެކަމަށް ބެލެވޭއިރު، މިކަމަށްޓަކައި ހުއްދަ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެލެކްސާ މަރުގެ ހެއްކަކަށްވާނެކަމަށް ބަލާ މި މައްސަލައަކީ، ވަކިން ދިރިއުޅެމުންދިޔަ ދެމަފިރިއެއްގެ ގޭގައި ހިނގާފައިވާ މަރުގެ މައްސަލައެކެވެ. އުމުރުން 32 އަހަރުގެ ސިލްވިޔާ ގަލްވާ ކްރެސްޕޯގެ މެއަށް އެއްޗެއް ހަރާލައިގެން މަރާލާފައި އޮއްވާ ފެނުންއިރު، މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކީ، ފިރިމީހާ އެޑަމް ކްރެސްޕޯ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި މައްސަލައިގެ އަޑިއަށް ފީނަން ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އެހެންކަމުން، އެކަމަށްޓަކައި، އެގޭގައި ހުރި އެމޭޒޮން އެކޯގެ ބޭނުން ވަރަށް ބޮޑެވެ. ފުލުހުން ޤަބޫލު ކުރާގޮތުގައި، ސިލްވިޔާ މަރާލުމުގެ ތެރެއިން ދެކެވިފައިވާ ބައެއް ވާހަކަ، އެކޯ އަށް ރެކޯޑުވެފައިހުރުން އެކަށީގެންވެއެވެ.
އެހެންނަމަވެސް، މިކަމާ ގުޅިގެން އެމޭޒޮން އިން ދެކޭގޮތް ތަފާތެވެ. އެމޭޒޮން އިން ބުނާގޮތުގައި، އެކޯ އަށް ރެކޯޑުވާނީ ކެޗްފްރޭސް ބުނުމަށްފަހު ދައްކާ ވާހަކައެވެ. އަދި އޭގައި ލިމިޓެއްވެސް އޮންނާނެއެވެ. އެމޭޒޮން އިން އިތުރަށް ބުނެފައިވަނީ ކޯޓުގެ އަމުރެއް ނެތި، އަދި އެކަމެއްގެ ބޭނުން އިންތިހާއަށް ނެތްކަމުގައިވާނަމަ، އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތެއް ސަރުކާރަކާ ހިއްސާ ނުކުރާނެކަމުގައެވެ.
އެކޯ ސްޕީކަރުތަކުގެ ރިކޯޑު ކުރާ އަޑުތައް، އެމޭޒޮން އިން އަހަމުންދާކަމުގެ ތުހުމަތު އެކުންފުނީގެ މައްޗަށް ވަނީ ކުރެވިފައެވެ. މިކަމަށްޓަކައި ވަކިން މުވައްޒަފުން އުޅެމުންދާކަމުގެ ތުހުމަތުވެސް ކުރެވިފައިވެއެވެ.




