އިންޑިޔާގައި ކުރެވުނު ކައިވެންޏެއްގެ ތެރެއިން، ކައިވެނި ކުރާ އަންހެން މީހާއާއި ފިރިހެން މީހާގެ އާއިލާގެ މެދުގައި ވަރުގަދަ ހަމަނުޖެހުމެއް ހިނގައިފިއެވެ.
އެޤައުމުގެ ދެކުނުގެ ސްޓޭޓެއްކަމުގައިވާ ޓެލަންގަނާގެ ސުރްޔާޕެތު އަވަށުގައި މި ހަމަނުޖެހުން ހިނގާފައިވާއިރު، ހަމަނުޖެހުމުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެ، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނުކަމަށްވެސް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.
އަޖޭ ނަމަކަށް ކިޔާ މީހަކާއި އިންދްރާޖާ ނަމަކަށް ކިޔާ މީހެއްގެ މެދުގައި ކުރެވުނު މި ކައިވެނި އޮތީ ހުސްވި އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
ޚަބަރު ފަތުރާ ވަސީލަތްތަކުން އިތުރަށް ބުނާގޮތުގައި ދެ ފަރާތުގެ އާއިލާގެ މެދުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ، ކައިވެނީގެ ބައެއް ކަންތައްތައް ކުރިއަށް ގެންދާނެ ގޮތަކާމެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދިގެންނެވެ. މި ޚިޔާލުތަފާތުވުމަކީ، ކައިވެނީގެ ތެރޭގައި ޑީޖޭ އެއް ބައިވެރިކުރުމާމެދު އޮތް ޚިޔާލު ތަފާތުވުމެކެވެ.
ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން، ހަމަނުޖެހުން ހިނގި ސަރަޙައްދުގެ ފުލުހުންގެ އިސް އޮފިސަރަކު ބުނެފައިވަނީ، ޒުވާބެއް ހޫނުވެގެން ހަމަނުޖެހުމަކަށް މަގުފަހިވީކަމުގަޔާއި، ހަމަނުޖެހުމުގެ ތެރޭގައި، ހަފްލާއަށް ގެނެސްފައިހުރި ގޮނޑިތައް އުކާ ކަންކަންވެސް ކޮށްފައިވާކަމުގައެވެ.
މި ހަމަނުޖެހުމުގެ ބައެއް ވީޑިޔޯތައް، މީސް މީޑިޔާގައި އާއްމުވެފައިވެސްވެއެވެ.




