ޑިމޮކްރަސީ ހިމާޔަތްކުރުމުގެ ނަމުގައި ހޮންގ ކޮންގ ގައި ކުރިއަށްދާ މުޒާހަރާތައް، ދުވަހެއް ދުވަހަކަށް ހޫނުވަމުންދާއިރު، މުޒާހަރާގެ ތެރެއިން، ސިޔާސީ ލީޑަރެއްގެ ކަންފަތް ބުރިކޮށްލައިފިއެވެ.
ޗައިނާގެ ޚާއްޞަ އިދާރީ ސަރަޙައްދެއްގެ ގޮތުގައި އޮންނަ، އަދި ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި އެތައް ބަޔަކު ބަލަމުން އަންނަ ހޮންގ ކޮންގ ގައި ހޮނިހިރު ދުވަހު ކުރި މުޒާހަރާތަކުގެ ތެރެއިން، ކަންފަތް ބުރިކޮށްލާފައިވަނީ ޑިމޮކްރަސީ އަށް ވަކާލާތު ކުރާ މީހެއްގެއެވެ. އެއީ، އެންޑްރޫ ޝިއޫ ނަމަކަށް ކިޔާ މީހެކެވެ.
ފްލޭޝް މޮބަކުން އައިސް އެންޑްރޫ އަށް ހަމަލާދީ، އޭނާގެ ކަންފަތުގައި ވަޅި އަޅުވާފައިވާއިރު، އެހެން ބައެއް މީހުންނަށްވެސް ބޮޑެތި އަނިޔާތައް، ހޮނިހިރު ދުވަހުގެ މުޒާހަރާގައި ލިބިފައިވެއެވެ. އެގޮތުން، ލޭގެ ކޯރެއްގެ ތެރޭގައި މީހަކު ހޭނެތިފައި އޮންނަ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިޔޯތައްވެސް ދައުރުވެފައިވެއެވެ.
ހޮންގ ކޮންގ ގެ މުޒާހަރާތަކަށް 22 ހަފްތާވެފައިވާއިރު، ހޮނިހިރު ދުވަހު އެންމެ ފުރަތަމަ އަޑު އުފުލާފައިވަނީ ސުލްހަވެރިކަމާއެކުގައެވެ. އެހެންނަމަވެސް، ފަހުން، މުޒާހަރާގެ ބައިވެރިންވަނީ އެސަރަޙައްދުގައި ހުރި މޯލްއެއްގެ ތެރޭގައި ހުރި ރެސްޓޯރަންޓަކަށް ހަމަލާ ދީފައެވެ. ހަމައެހެންމެ، ޗައިނާއާ އެއްކޮޅުކަމަށް ބުނާ އެހެން ވިޔަފާރިތަކަށް ގެއްލުންދޭކަމުގެ އަޑުތަކެއްވެސް ފެތުރިފައިވެއެވެ.
ހޮނިހިރު ދުވަހުގެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައިވެއެވެ.