އެވަޓަންގެ މެދުތެރެއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި އަންދްރޭ ގޮމޭޒްއަށް ޓޮޓޭންހާމްއާއި ދެކޮޅަށް ރޭ ކުޅުނު މެޗުގައި ސީރިއަސް އަނިޔާއެއް ލިބިއްޖެއެވެ.
އެވަޓަން ދަނޑުގައި ރޭ ކުޅުނު މިމެޗުގައި ގޮމޭޒްއަށް ލިބުނު މިއަނިޔާގެ މާ ބޮޑު ތަފްޞީލެއް އަދި ހާމަކޮށްފައި ނުވިނަމަވެސް އެވަގުތު ކުޅުންތެރިންގެ މޫނުމަތިން ފެނުނު މަންޒަރުތަކުން ގޮމޭޒްގެ ފަޔަށް ލިބިފައިވަނީ ސީރިއަސް އަނިޔާއެއްކަން ހާމަވެއެވެ. މިހާދިސާއަށްފަހު ގޮމޭޒްވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މެޗުގެ 79 ވަނަ މިނަޓްގައި ޓޮޓޭންހާމްގެ ސޮން ޖެހި ޓެކްލްއަކުން ގޮމޭޒްގެ ކަނާތު ފަޔަށް އަނިޔާވިއިރު، ސޮންގެ މިޓެކްލްއާއި ގުޅިގެން ރެފްރީ ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު މިކާޑުވަނީ ރަތްކާޑަކަށް ބަދަލުކޮށްފައެވެ. ސޮންގެ ކާޑު ރަތްކާޑަކަށް ބަދަލުކުރި ސަބަބަކީ ކުޅުންތެރިންގެ ރައްކާތެރިކަމަށްބަލައިފައިކަމަށް ޕްރިމިއާ ލީގުން ފަހުން ނެރުނު ބަޔާނެއްގައި ވެއެވެ.
މިހާދިސާއާއެކު އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޓެކްލް ޖެހި ސޮން އަށެވެ. ހާދިސާ ހިނގި ހިސާބުން ފެށިގެން ސޮންއަށް ރޮވިފައިވާއިރު، މެޗަށްފަހުވެސް އޭނާ ހަމައަކަށް ނޭޅޭކަމަށް ވެއެވެ. އަދި އޭނާ ހަމައަކަށް އެޅުވުމަށް އެތަށް ކުޅުންތެރިންނަށް މަސައްކަތްކޮށްފައިވެއެވެ. މީގެ ތެރޭގައި އިދިކޮޅު އެވަޓަން ޓީމުގެ ކުޅުންތެރިންވެސް ހިމެނެއެވެ.

ރޭގެ މެޗު ނިމިގެންގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. ޓޮޓޭންހާމްގެ ލަނޑު މެޗުގެ 63 ވަނަ މިނަޓްގައި ޑެލީ އަލީ ކާމިޔާބުކޮށްދިންއިރު، އެވަޓަންއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައި ޓޯސަން ކާމިޔާބުކޮށްދިން ލަނޑަކުންނެވެ.
								
											

