އިންޑިއާ ފަތުރުވެރިއަކު ފޮޓޯގްރާފަރަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، 2019 ނޮވެމްބަރު 2 ވަނަ ދުވަހުގެ 17:15 ހާއިރު ރެސިޑެންސް މޯލްޑިވްސް ރިސޯޓްގައި މަސައްކަތްކުރާ ފޮޓޯގްރާފަރެއްގެ ގައިގައި, އެ ރިސޯޓްގައި ހުރި އިންޑިއާ ފަތުރުވެރިއަކު ތަޅާ މާރާމާރީ ހިންގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
"މި މާރާމާރީ ހިންގާފައިވަނީ ފޮޓޯގްރާފަރު ނެގި ބައެއް ފޮޓޯތަކަކާ ގުޅިގެން ކަމަށް މަޢުލޫމާތު ލިބިފައިވޭ. މި މާރާމާރީގައި ފޮޓޯގްރާފަރަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައެއް ނުވޭ." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ފޮޓޯގްރާފަރު އަމިއްލައަށް ވިލިނގިއްޔަށް އައިސް ކަމަށާއި، މައްސަލަހުށަހެޅުމާއެކު ފުލުހުން އެރޭ އޭނާގެ ބަޔާން ނަގައި ތަޙްޤީޤު ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
"ފުލުހުން ވަނީ މިއަދު އެ ރިސޯޓަށް ގޮސް ނަގަންޖެހޭ ބަޔާންތައް ނަގާފައި. ފުލުހުން މިއަދު ރިސޯޓަށް ދިޔަގޮތަށް މިވަގުތުވެސް ފުލުހުން އެ ރިސޯޓްގައި ހަރަކާތްތެރިވަމުންދާކަން ފާހަގަކުރަން." ރޭ މެންދަމު 12 ޖެހުމަކާ ކައިރިވެފައިވަނިކޮށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ކުރިއަށް ނުގެންދިއުމަށް އެއްވެސް އިރެއްގައި މަސައްކަތް ކޮށްފައި ނުވާނެކަމަށާއި، މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.



