ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް އުފައްދަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބާއްވާ ޖަލްސާ 07 ނޮވެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެރޭ 07:45 ގައި ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމް ގައިއެވެ. މި ޖަލްސާގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށް ވަނީ ދަޢުވަތު އެރުވިފައެވެ.
އެމްއާރުއެމް އަކީ ރައީސް މަޢުމޫން އުފައްދަވާ ތިން ވަނަ ސިޔާސީ ޕާޓީއެވެ.
ރާއްޖެއަށް ސިޔާސީ ނިޒާމް ތަޢާރަފް ވުމާއި ގުޅިގެން އޭރުގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމް ފުރަތަ އުފެއްދެވި ޕާޓީއަކީ ޑީއާރު ޕީއެވެ. ޑީއާރުޕީގައި ރިޔާސީ ރޭހަށް ނުކުމެ ފުރަތަމަ ވަނީ ނާކާމިޔާބީއާއި ކުރިމަތިވެ ވަޑައިގެންފައެވެ. 30 އަހަރުގެ ވެރިކަމަށް ފަހު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއާއި ގުޅިފައި އޮތް ކޯލިޝަނުން ދެވަނަ ބުރަކުން އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސް މަޢުމޫނުގެ ވެރިކަން ނިމުމަކަށް ގެނައެވެ.
އޭގެ ފަހުން ޑީއާރުޕީ ތެރޭގައި އުފެދުނު ކޯޅުންތަކަކަށްފަހު ޑީއާރުޕީ ދެ ބަޔަކަށް ބައިވިއެވެ. އެއަށްފަހު ރައީސް މަޢުމޫން ދެވަނަ ސިޔާސީ ޕާޓީ ޕީޕީއެމް އުފެއްދެވިއެވެ. ޕީޕީއެމްގެ ޓިކެޓްގައި 2013 ގެ އިންތިޚާބަށް ކޮށްކޯފުޅު ކުރީގެ ރައީސް ޔާމީން ނިކުމެވަޑައިގެން ޕީޕީއެމްއާއި ގުޅުނު ކޯލިޝަނުން އެ އިންތިޚާބު ވަނީ ކާމިޔާބު ކޮށްފައެވެ.
ނަމަވެސް ޔާމީންގެ ވެރިކަމުގައި މަޢުމޫނާއި ދެމެދު ޚިޔާލު ތަފާތުވުން އުފެދި މަޢުމޫނު، ޔާމީނާއި ދުރަށް ވަޑައިގަތެވެ. އެއަށްފަހު އެމްޑީޕީއާއި ކޯލިޝަން ހައްދަވައި 2018 ގެ ރިޔާސީ އިންއިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތްފުޅު ކުރައްވާފައިވެއެވެ.
ރައީސް މަޢުމޫންގެ ތިން ވަނަ ސިޔާސީ ޕާޓީ އުފައްދަވާއިރު ޕާޓީއުފެއްދުމަށް ބޭނުންވާ މެންބަރުން ވަނީ ހަމަކުރައްވާފައެވެ.



