އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް - ފޮޓޯ: ވަގުތު

ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް ފުރުޞަތު ހުޅުވާލައިފި

އަންނަ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުލާ އަދި ވޯޓު ގުނާ މަރުކަޒުގައި ހަރަކާތްތެރިވާނެ މަންދޫބުން ކަނޑައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ކޮންމެ ކެންޑިޑޭޓަކަށްވެސް އެ ކެންޑިޑޭޓެއްގެ މަސްލަހަތު އޮތް ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދުން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާ ކަމަށާއި އެހެންކަމުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 28 ފެބްރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 7 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 އާ ހަމަޔަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށް ހުއްދަ ދެވޭނީ އަންނަނިވި ހަ ޝަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.

އެއީ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުމާއި ޖިނާޢީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުމާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މެންބަރެއް/ވެރިއެއް ކަމުގައި ނުވުމާއި ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުމާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކު ކަމުގައި ނުވުމެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ބެލުމަށް ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކުރިމަތިލުމަށް ފޯމު ހުށަހަޅުއްވާނީ މާލޭގައިނަމަ އިންތިޚާބީ މަރުކަޒު (ބާޖަމާލުއްދީން) ގެ ރިސެޕްޝަނަށެވެ. އަތޮޅުތަކުގައިނަމަ އެ އަތޮޅެއްގެ އަތޮޅު ފޯކަލް ފޮއިންޓަށް ނުވަތަ އެ ރަށެއްގެ ފޯކަލް ޕޮއިންޓަށެވެ. އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އިން ނަމަ، އެ ސިޓީއެއްގެ ފޯކަލް ޕޮއިންޓަށެވެ.

ކެންޑިޑޭޓުންގެ މަންދޫބުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. އެސިޓީގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ބަޔާންކުރެވިފައި އޮންނަން ޖެހޭނެއެވެ.

މަންދޫބެއްގެ ފުރިހަމަ ނަން، ދިވެހި (ފަރުމަ ފޮންޓުގައި) އަދި އިނގިރޭސި ބަހުން، އައި.ޑީ ކާޑް ނަންބަރު، އެޑްރެސް، ޖިންސް، އެދިލައްވާ ފަރާތާ ގުޅޭނެ ފޯނު ނަންބަރ އެނގޭނޭހެން ލިސްޓުގެ ހާޑްކޮޕީ އަދި ސޮފްޓް ކޮޕީ ތައްޔާރުކުރައްވާ ވެބްސައިޓްގައި ހިއްސާކުރެވިފައިވާ ފޯމެޓްގައި ފޮނުވަންވާން ޖެހޭނެއެވެ.

އެޕްލިކޭޝަން ފޯމު އިލެކްޝަން ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑްކުރެއްވޭނެއެވެ.

ކެންޑިޑޭޓުންގެ މަންދޫބުންގެ ފޯމް ބަލައި ގަންނަން ހަމަޖެހިފައިވަނީ 28 ފެބްރުވަރީ 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 07 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 04:00 އަދި ކޮންމެ ހޮނިހިރު ދުވަހަކު ހެނދުނު 10:00 އިން ހަވީރު 04:00 އަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ