ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބަރ ގްރޫޕެއްގައި ހިއްސާކުރެއްވި ފޮޓޯގައި ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ތަސްވީރެއް ހުރިކަން އެނގިވަޑައިނުގަންނަވާކަމަށް ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ މުވައްޒަފުން އިޖްތިމާޢީ ކަންކަމުގައި މަޝްވަރާކުރުމަށާއި ޚިޔާލު ބަދަލުކުރުމުގެ ގޮތުން ހަދާފައިވާ ވައިބަރ ގްރޫޕުގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ޕޯސްޓްކޮށްފައިވާ ފޮޓޯެ މައްސަލަ ހޫނުވެފައިވަނިކޮށް ރޭ ނެރުއްވި ބަޔާނެއްގައެވެ.
"3 ނޮވެންބަރު 2019 ވަނަ ދުވަހު އިސްވެ ދެންނެވުނު ވައިބަރ ގްރޫޕުގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ
ގޮތުން އަޅުގަނޑު ލާފައިވާ ފޮޓޯ އެ ގުރޫޕަށް ލާފައިވަނީ އެ ފޮޓޯގައި ހ.ހާޖަރާގެ ޢަބްދުﷲ ލުޠުފީ ހުރިކަން އެނގުމުން ދެން އެފޮޓޯގައި ތިބި ފަރާތްތަކަކީ ކޮންބައެއްތޯ ބެލުމަކާ ނުލައި. ވައިބަރ ގުރޫޕަށް އަޅުގަނޑު އެފޮޓޯ ލީއިރު އެފޮޓޯގައިވާ ކުރެހުމުގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށް ނިސްބަތްކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އަޅުގަނޑަށް އެނގިފައި ނުވޭ. އެފޮޓޯގައިވާ އެފަދަ ކުރެހުމެއް ހުރެދާނެކަމަކަށް އަޅުގަނޑަށް ވިސްނާލެވިފައެއްވެސް ނުވޭ." ހައިލަމްގެ ބަޔާނުގައި ލިޔުއްވާފައިވެއެވެ.
ހައިލަމް ހިއްސާކުރި ފޮޓޯއިން ފެންނަނީ ނަޞްރުގެ ދުވަހުގެ ބަޠަލު ޝަހީދު ކޯޕްރަލް ހުސައިން އާދަމް ބަޑިއަކާއެކު ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއާއި އަދި ބައެއް އެހެން މީހުންގެ އިތުރުން ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ކަރުގައި ޗޭނު ޖަހައިގެން ދަމާފައި ގެންދާ މަންޒަރެވެ
އެކަމަށްޓަކައި، ހައިލަމް ވަނީ ރައީސް ޞާލިޙްއާއި ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ އަރިހުން މަޢާފަށް އެދިލައްވާފައެވެ.