ޑެމްބެލޭވެސް ޓީމުން ޖާގަ ހޯދަން ޖެހޭނީ މަސައްކަތްކުރަން: ވަލްވާޑޭ

ބާސެލޯނާގެ ކޮންމެ ކުޅުންތެރިއަކުވެސް ޓީމުން ޖާގަ ހޯދަން ބޭނުންނަމަ ޖެހޭނީ އެކަމަށް މަސައްކަތްކޮށް ޖާގަ ކަށަވަރުކުރުންކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ. އެގޮތުން ފްރާންސްގެ ތަރި އަދި ބާސެލޯނާގެ ކުރިއަށް ކުޅެމުން އަންނަ އޮސްމާން ޑެމްބެލޭވެސް ވަކިތަފާތެއް ނެތްކަމަށް އޭނާވަނީ ބުނެފައެވެ.

ދެމެޗުގެ ސަސްޕެންޝަންއަކަށްފަހު ކުޅުމު ފުރުޞަތު އަލުން ޑެމްބެލޭއަށް ލިބުނު ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ލެވެންޓޭ އަތުން ބާސެލޯނާ ދަށްވި މެޗުގައި ވަލްވާޑޭ ޑެމްބެލޭ ހިމަނާފައެއް ނުވެއެވެ. 3-1 ގެ ނަތީޖާއަކުން ބާސެލޯނާ ދަށްވި އެމެޗުގައި ބާސެލޯނާއިން ފުރަތަމަ ހާފުގައި ލަނޑެއްޖަހާފައިވަނިކޮށް ދެވަނަ ހާފުގައި 7 މިނަޓްތެރޭ ފުލުފުލުން ޖެހި ތިން ލަނޑާއެކު ލެވެންޓޭވަނީ ބާސެލޯނާ ޙައިރާންކޮށްލާފައެވެ.

ލެވެންޓޭއާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލުއިސް ސުއަރޭޒްއަށް އަނިޔާވެފައިވާއިރު، އޭނާގެ ބަދަލުގައި ޑެމްބެލޭ އެރޭގެ މެޗަށް އެރުވެން އޮށްވާވެސް ވަލްވާޑޭ ޑެމްބެލޭއަށް ފުރުޞަތު ދީފައެއް ނުވެއެވެ.

"ކޮންމެ ކުޅުންތެރިއަކުވެސް ޓީމުން ޖާގަ ހޯދަން ޖެހޭނީ މަސައްކަތް ކުރަން. ޑެމްބެލޭވެސް މިކަމުގައި ބާކީއެއް ނުވޭ." ވަލްވާޑޭ ބުންޏެވެ.

ސުއަރޭޒްއަށް އަނިޔާވެފައިވުމާއި ގުޅިގެން، ޗެމްޕިއަންސް ލީގުގައި މިރޭ ސްލާވިއާ ޕްރަހާއާއި ދެކޮޅަށް ނުކުންނަ މެޗުގައި ބާސެލޯނާއިން ނެގި ޓީމުގައި ޑެމްބެލޭ ހިމަނާފައިވާއިރު، ރަނގަޅު ކުޅުމެއް ދައްކައި ޓީމުން ޖާގައެއް ކަށަވަރުކުރުމުގެ ފުރުޞަތު އެބައޮތެވެ. ކޭމްޕް ނޯގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަނޑިން 22:55 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ