ރާއްޖެ ސަރަހައްދުން އަތުލައިގަތް ލަންކާގެ ބޯޓުތަކެއް - ފޮޓޯ: އެމްއެންޑީއެފް

ރާއްޖެ ސަރަހައްދުން ލަންކާގެ އިތުރު ދެ މަސްބޯޓް އަތުލައިގަނެފި

ރާއްޖޭގެ އުތުރުން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތީޞާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަން އުޅުނު އަވަށްޓެރި ސްރީލަންކާގެ ދެ މަސްބޯޓު އަތުލައިގަންތާ މާ ގިނައިރެއް ނުވަނީ އިތުރު ދެ ބޯޓު އަތުލައިގެނެފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، މި ދެ ބޯޓް އަތުލައިގަތީ އެމްއެންޑިއެފް ކޯސްޓްގާޑް ޝިޕް ހުރަވީ އިން ކަމަށާއި، ބޯޓުތައް އަތުލައިގަތީ ރާއްޖޭގެ އީއީޒެޑް އިން ޤަޥާއިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް ކަމަށެވެ.

"ހއ.ކެލާގެ އިރު އުތުރުން 103 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ އީއީޒެޑުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ 2 މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސް ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ކަންކާގެ އިތުރު 2 މަސްބޯޓް އީއީޒެޑުގެ ތެރެއިން ކޯސްޓްގާޑް ޝިޕްނ ހުރަވީއަށް ފެނިގެން ރޭ ދަންވަރު 02:30 ގައި ކޯސްޓްގާޑް ޝިޕްގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ގަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދަށް ވަދެ އުޅެނިކޮށް އަތުލައިގަތް ލަންކާގެ 4 ބޯޓު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސް ކޯސްޓްގާޑް ޝިޕް ހުރަވީ ދަތުރުކުރަމުންދަނީ ހދ.ކުޅުދުއްފުއްޓަށް ކަމަށެވެ.

ލަންކާގެ ހަތަރު މަސްބޯޓް ރާއްޖެ ސަރަހައްދުން އަތުލައިގަތްއިރު، ރާއްޖޭގެ މަސް ދޯންޏެއް މަލިކު ކައިރިން މަސްވެރިކަން ކުރަނިކޮށް ދާދިފަހުން އިންޑިއާ ސިފައިންވެސް ހިފަހައްޓާފައިވެއެވެ. ނަމަވެސް އެ ދޯނި އިންޑިއާއިން ވަނީ ދޫކޮށްލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ