ޔޫސީއެލް - ސްލާވިއާއިން ވަރުގަދަ ބާސެލޯނާ ހިފެހެއްޓިއިރު، އިންޓަރ ޑޯޓުމުންޑް އަތްދަށުވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެކްރިޕަބްލިކްގެ ސްލާވިއާ ޕްރަހާއިން ވަރުގަދަ ބާސެލޯނާ ހިފެހެއްޓިއިރު، އިންޓަރ މިލާން ޑޯޓުމުންޑް އަތްދަށުވެއްޖެއެވެ.

ކޭމްޕްނޯގައި ސްލާވިއާއާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. ބާސެލޯނާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިފައިވާއިރު، ސްލާވިއާގެ ކީޕަރު ކޯލާވަނީ ގިނަ ހަމަލާތަކެއް ދިފާޢުކޮށްފައެވެ.

އަމިއްލަ ހާފުތެރެއިން، ރޮނގު ކައިރިން ލިބުނު ބޯޅައެއް އެކަނިމާއެކަނި ތިން ޑިފެންޑަރުން ކަޓުވާލުމަށްފަހު އޭރިއާ ރޮނގުމަތިން މެސީ ފޮނުވާލިއިރު އެހަމަލާ އަމާޒުވީ ގޯލް މަތީ ކަނަށެވެ. އަންސޫ ފާޓީ ހުރަސްކޮށްދިން ބޯޅައެއް އޭރިއާތެރެއިން މެސީ ފޮނުވާލިނަމަވެސް ސްލާވިއާ ކީޕަރުވަނީ އެހަމަލާ ދިފާޢުކޮށްފައެވެ. ބާސެލޯނާގެ ސަމޭޑޯ އަދި ރޮބާޓޯގެ ހަމަލާގެވެސް ހުރަހަކަށްވީ ސްލާވިއާގެ ކީޕަރެވެ.

ގިނަ ރީނދޫ ކާޑެއް ފެނިގެންދިޔަ ރޭގެ މެޗުގައި ސްލާވިއާއިން ފުރަތަމަ ހާފު ނިމެންދަނިކޮށް ޖެހި ލަނޑު ވީއޭއާރު ބެލުމަށްފަހު އޮފްސައިޑްވުމުން ކެންސަލްކުރިއިރު، ދެވަނަ ހާފުގައި ބާސެލޯނާއިން ޖެހި ލަނޑެއްވަނީ ވީއޭއާރުގެ އެހީގައި ކެންސަލްކޮށްފައެވެ.

މިގްރޫޕްގައި ކުޅުނު އަނެއް މެޗުން ޑޯޓުމުންޑްވަނީ ފަހަތުން އަރައި އިންޓަރމިލާން ބަލިކޮށްފައެވެ.

3-2 ގެ ނަތީޖާއަކުން ޑޯޓުމުންޑް ކާމިޔާބުކުރި މިމެޗުގެ ފުރަތަމަ ދެލަނޑުވެސް ޖަހާފައިވަނީ އިންޓަރ އިންނެވެ. ފުރަތަމަ ހާފުގައި ފެނިގެންދިޔަ މިދެލަނޑު އިންޓަރއަށް ކާމިޔާބުކޮށްދިނީ މާޓިނޭޒްއާއި ވެސިނޯއެވެ. އަދި މެޗުގެ ފުރަތަމަ ހާފު އިންޓަރއިން ނިންމާލާފައިވަނީ ދެލަނޑު ލީޑެއްގައި އޮވެއެވެ.

ހިތްވަރާއެކު ދެވަނަ ހާފަށް ނުކުމެ ވަރުގަދަ ކުޅުމެއް ދެއްކި ޑޯޓުމުންޑްއިން ގިނަ ހަމަލާތަކަކަށްފަހު ނަތީޖާވަނީ އަނެއްކޮޅަށް އަނބުރާލާފައެވެ. ދެވަނަ ހާފުގައި ޑޯޓުމުންޑްއިން ތިން ލަނޑު ޖަހާފައިވާއިރު، ހަކީމީވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި ޑޯޓުމުންޑްގެ އަނެއް ލަނޑު ޖަހާފައިވަނީ ޖޫލިއަން ބްރެންޓްއެވެ.

ރޭގެ މިނަތީޖާ ތަކަށްފަހު ހަތަރު މެޗުން ލިބުނު 8 ޕޮއިންޓާއެކު ގްރޫޕް އެފް ގެ އެއްވަނަ ބާސެލޯނާއަށް ލިބޭއިރު، ޑޯޓުމުންޑަށް ދެވަނަ ލިބެނީ 7 ޕޮއިންޓާއެކުގައެވެ. އަދި ތިންވަނާގައި އޮތް އިންޓަރ މިލާންއަށް 4 ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސްލާވިއާއަށް ލިބިފައިވަނީ 2 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ