މިހާރު ކުރިއަށްދާ 2019/20 ސީޒަން ނިމެންދެން ރެއަލްމެޑްރިޑުގެ ކުރިއަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތު ބޭލް އެކްލަބުގައި މަޑުކުރަން ބޭނުންކަމަށް ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.
ޒިދާން މިހެން ބުނެފައިވަނީ މިރޭ ޗެމްޕިއަންސް ލީގުގައި ގަލަތަސަރޭއާއި ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 01:00 ގައެވެ.
"އަހަރެން ބޭނުން ސީޒަން ނިމެންދެން ބޭލް ރެއަލްމެޑްރިޑްގައި މަޑުކުރަން." ޒިދާން ބުންޏެވެ.
މީގެއިތުރުން ޒިދާން ބުނީ، ކުރިއަށް އޮތް ޖެނުއަރީމަހު ބޭލް ވިއްކާލަށް ޒިދާން ވިސްނަމުންދާކަމަށް މީހުން ބުނިނަމަވެސް އެއީ ޙަޤީޤަތެއް ނެތް ވާހަކަތަކެއްކަމަށާއި، ބޭލްވެސް ރެއަލްމެޑްރިޑްގައި މަޑުކުރަން ބޭނުންވާކަމަށެވެ.
ކުޑަކަޅުވާއަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައިހުރުމަށްފަހު ބޭލް މިހާރުވަނީ ރެއަލްމެޑްރިޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފައްޓާފައެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބޭލް ވިއްކާލަން ރެއަލްމެޑްރިޑުން މަސައްކަތްކޮށްފައިވާއިރު، އޭނާގެ މުސްތަޤުބަލާމެދު ސުވާލު އުފެދިގެންއައީ އެޖެންޓާއެކު ލަންޑަންއަށް ދަތުރުކުރި ހިސާބުން ފެށިގެންނެވެ. ބޭލް އެންމެފަހުން ރެއަލްމެޑްރިޑަށް މެޗެއް ކުޅެދީފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހުއެވެ.
ބޭލް މިދިޔަ ހޫނު މޫސުމުގައި ކްލަބު ދޫކޮށްލަން ދާ އުޅުނުއިރުވެސް މައްސަލައެއް ނުޖެހޭކަމަށާއި، މިއަދުވެސް ބޭލް އާދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށްވެސް ޒިދާންވަނީ ބުނެފައެވެ. އަދި ބޭލް ރެއަލްމެޑްރިޑުގައި ހުރީ އުފަލުންކަމަށާއި މިހާރުވެސް އަނބުރާ ފުރަތަމަ 11 އަށް އަންނަށް އޭނާ މަސައްކަތްކުރާއިރު، ރެއަލްމެޑްރިޑުގައި އޭނާ މަޑުކުރުވަން އިތުރު މަސައްކަތެއް ކުރަން ނުޖެހޭކަމަށްވެސް މީގެ ދުވަސްކޮޅެއްކުރިން ޒިދާންވަނީ ބުނެފައެވެ.
އަނެއްކޮޅުން ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ހުނަރުވެރި ފޯވާޑް ކީލިއަން އެމްބާޕޭ ދެން ފެންނާނީ ރެއާލް މެޑްރިޑުން ކަމަށް އެމްބާޕޭގެ ކުރީގެ ކްލަބް މޮނާކޯގެ ރައީސް ވަޑިމް ވަސީލިއެވް މިހަފްތާ ތެރޭ ބުނެފައިވާއިރު، ކުރިއަށް ޓްރާންސްފާގައި އެމްބާޕޭ ގެނެވޭތޯ ރެއަލްމެޑްރިޑުން ވަރަށް މަސައްކަތްކުރާނެކަމަށް ބެލެވެއެވެ.




