އަތުލައިގަތް 4 ބޯޓް މިރޭ ކުޅުދުއްފުއްޓަށް ގެންދަނީ

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން އަތުލައިގަތް އަވަށްޓެރި ލަންކާގެ 4 މަސްބޯޓް މިރޭ އިރާކޮޅު ހދ.ކުޅުދުއްފުއްޓަށް ގެނެވޭނެކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެން ފޯސް (ޢެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ލެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީން އަތުލައިގަތް 4 މަސް ބޯޓް، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހދ.ކުޅުދުއްފުއްޓަށް ގެނައުމުގެ ދަތުރު ކުރަމުންދާ ކަމަށާއި، ބޯޓުތައް ކުޅުދުއްފުއްޓަށް ގެނެވޭނެކަމަށް ލަފާކުރެވެނީ މިރޭ 22:30 ހާއިރަށް ކަމަށެވެ.

މި 4 މަސްބޯޓްވެސް އަތުލައިގަނެފައިވަނީ ރޭ މެންދަމު ކޯސްޓްގާޑް ޝިޕް ހުރަވީންނެވެ. ފުރަތަމަ ދެ ބޯޓް އަތުލައިގަނެފައިވަނީ ހއ.ކެލާގެ އިރު އުތުރުން 103 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ އީއީޒެޑުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށެވެ. އަނެއް ދެ ބޯޓު އަތުލައިގަނެފައިވަނީ އެ ދެ ބޯޓް އަތުލައިގަނެގެން ކުޅުދުއްފުއްޓަށް ގެނައުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

“ހއ.ކެލާގެ އިރު އުތުރުން 103 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ އީއީޒެޑުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ 2 މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސް ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ކަންކާގެ އިތުރު 2 މަސްބޯޓް އީއީޒެޑުގެ ތެރެއިން ކޯސްޓްގާޑް ޝިޕްނ ހުރަވީއަށް ފެނިގެން ރޭ ދަންވަރު 02:30 ގައި ކޯސްޓްގާޑް ޝިޕްގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައި.” އެމްއެންޑީއެފް އިން މިއަދު ވިދާޅުވެފައިވެއެވެ.

ރާއްޖެއަކީ މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމަކަށްވާތީ، ދިވެހި މަސްކަނޑުތަކުން ގަވާއިދާ ޚިލާފަށް ބޯޓުފަހަރުގައި މަސްބޭނުމަކީ ދިވެހި މަސްވެރިން ނުހަނު ކަންބޮޑުވާ މައްސަލައެކެވެ. ހަމައެއާއެކު ދިވެހިންނަނީ ބޯޓުފަހަރުގައި މަސްވެރިކަން ކުރުމުގެ ބަދަލުގައި ދޯނިތަކުގައި ނިކުމެ މަސްވެރިކަން ކުރާ ޤައުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ