އިންސާނުން ނޭވާލުމަށް ނުރައްކާވާ މިންވަރަށް، އިންޑިޔާގެ ނިއު ދިއްލީގެ ވައި ތަޣައްޔަރުވެފައިވަނީ ޕާކިސްތާން އާއި ޗައިނާގެ ސަބަބުންކަމަށް، އިންޑިޔާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ލީޑަރަކު ބުނެފިއެވެ.
އެޕާޓީގެ އިސް ފަރާތެއްކަމުގައިވާ ވިނީތު އަގަރުވާލް ބުނެފައިވަނީ، އިންޑިޔާގެ ނިއު ދިއްލީގެ ވައި ތަޣައްޔަރު ކޮށްލުމުގެ ނިޔަތުގައި، ވާދަވެރި ޕާކިސްތާނާއި، ޗައިނާ އިން ގަސްދުގައި ވިހަ މާއްދާތައް އެކުލެވޭ ގޭސްތަކެއް ދޫކޮށްލާފައިވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއްކަމުގައެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އެޤައުމުތަކުން މިކަން ކުރުމުގެ އެންމެ ބޮޑު ސަބަބެއްކަމަށް ބެލެވެނީ، އެޤައުމުތަކުން އިންޑިޔާ ދެކެ ބިރުގަތުންކަމަށެވެ. ހަމައެހެންމެ، ޕާކިސްތާނުން މިފަދަ ކަމެއްކޮށްފައިވާކަމަށް ބަލާ، މި މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭކަމަށްވެސް މި މީހާ ބުނެފައިވެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން މޯދީ ނިސްބަތްވެވަޑައިގަންނަވާ ބީޖޭޕީގެ އިސް ފަރާތަކުން މިހެން ބުނެފައިވާއިރު، އިންޑިޔާ އާއި ޕާކިސްތާނު ކުރި ހުރިހާ ހަނގުރާމަކައަކުން މޮޅުވެފައިވަނީ އިންޑިޔާކަމަށާއި، އެކަމުގެ ސިއްރަކީ އެޤައުމުގެ ހޯމް މިނިސްޓަރުގެ ހިތްވަރުގަދަކަންކަމަށްވެސް މި މީހާ ބުނެފައިވެއެވެ.
މީގެއިތުރުން، ދިއްލީގެ ވައި ތަޣައްޔަރުވުމުގެ މައްސަލައާ ގުޅިގެން، އާމް އާދްމީ ޕާޓީ އަށް ނިސްބަތްވާ ދިއްލީގެ ޗީފް މިނިސްޓަރަށްވެސް ފާޑު ކިޔާފައިވެއެވެ.
ދިއްލީގެ ވައި ނުސާފުވުމުގެ އެންމެ ބޮޑު ސަބަބަކީ ހިންދޫ އިންގެ ދީނީ އިހުތިފާލެއްކަމުގައިވާ ދިވާލީ އެވެ. ހަމައެހެންމެ، ޕަންޖާބުގެ ދަނޑުތަކުގައި ރޯކުރުންވެސް، މިކަމަށް މަގުފަހިވެއެވެ.