ބަޣުދާދީގެ އަނތްބަކުވެސް ހައްޔަރުކޮށްފި

ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރި އިސްލާމިކް ސްޓޭޓް (އައިއެސް)  ޖަމާއަތުގެ، މަރާލާފައިވާ ލީޑަރު، އަބޫބަކުރު އަލް ބަޣުދާދީގެ އަނތްބަކު ހައްޔަރުކޮށްފިއެވެ. ބަޣުދާދީގެ ހަތަރު އަނބީންގެ ތެރެއިން އެއް އަނތްބަކު ހައްޔަރުކޮށްފައިވަނީ ތުރުކީ އިންނެވެ.

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ މިކަން ހާމަކުރައްވާފައެވެ. އަންކަރާ ޔުނިވަރސިޓީގައި މިއަދު ތަގުރީރު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ތުރުކީގެ ކަމާ ބެހޭ އިދާރާތަކުން ބަޣުދާދީގެ އަނތްބަކު ހައްޔަރުކޮށްފައިވާކަމަށާއި، އަދި އެމެރިކާ އިން ހާވާފައިވާ ހަޑިއެއް ނުހާވާކަމުގައެވެ.

މީގެއިތުރުން، ބަޣުދާދީގެ އާއިލާގެ އެހެން މެންބަރުންތަކެއް ހައްޔަރުކުރިކަން ތަކުރާރުކުރައްވާފައިވެއެވެ.

މި ހަފްތާގެ ތެރޭގައި، ތުރުކީގެ އިސް އޮފިޝަލަކު ބުނެފައިވަނީ ބަޣުދާދީގެ ދައްތައަކާއި، ޅިޔަނަކާއި، ޅީދަރިއެއް ހައްޔަރުކޮށްފައިވާކަމުގައެވެ. އަދި އެމީހުންގެ ފަރާތުން، އިތުރު އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބޭނެކަމަށް އުންމީދު ކުރެވޭކަމަށްވެސް އޮފިޝަލް ބުނެފައިވެއެވެ.

އޮފިޝަލް އިތުރަށް ބުނެފައިވަނީ 65 އަހަރުގެ ދައްތައަކީ އައިއެސް ޖަމާއަތުގެ ކަންކަމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ، މުހިއްމު މީހެއްކަމުގައެވެ. އަދި އެމީހާ ހައްޔަރުކުރެވުމަކީ ރަންތަކެއް ލިބުންފަދަ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެސްވެއެވެ.

އެމެރިކާ އަސްކަރިއްޔާގެ ސްޕެޝަލް ފޯސް އިން ހިންގި އޮޕަރޭޝަނެއްގައި ބަޣުދާދީ މަރާލާފައިވާކަން، އެމެރިކާ އިން ހާމަކޮށްފައިވާއިރު، އޭނާގެ އެހެން ދެ އަނތްބެއް މަރާލާފައިވާކަންވެސް، އެޤައުމުން މީގެ ކުރިން ހާމަކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ