އިންޑިޔާގެ އެކި ސަރަޙައްދުތަކުގައި ހުރި، ސަރުކާރުގެ ދުވަސްވީ އިމާރާތްތައް ރަނގަޅަށް ބަލަހައްޓަމުން ނުދާކަމަށާއި އަދި، އެތަންތަން ބާވެ ހަލާކުވަމުންދާކަމަށް އެޤައުމުގެ ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެކަމުގެ ސަބަބުން ގެއްލުމެއް ވެދާނެކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިގޮތަށް ވާހަކަ ދެކެވެމުންދާއިރު، އެޤައުމުގެ ސަރުކާރު އޮފީހެއްގައި، މުވައްޒަފުންތަކެއް ހެލްމެޓް އަޅައިގެން ތިބޭ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ ދައުރުވެފައެވެ.
އުއްތަރަ ޕްރަދޭޝްގެ އިލެކްޓްރިސިޓީ ޑިޕާޓްމަންޓްގެ އޮފީހެއްގައި، މަސައްކަތް ކުރުމަށް މުވައްޒަފުން ހެލްމެޓް އަޅައިގެން ތިބީ އެތަނުގެ ފުރާޅު ބަލިކަށިވުމުގެ ސަބަބުން، ފުރާޅު ވެއްޓި، ގެއްލުމެއް ވެދާނެކަމުގެ ބިރަށްޓަކައެވެ.
މި އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފަކާ ހަވާލާދީ "އޭއެންއައި" އިން ބުނެފައިވަނީ މީގެ ދެ އަހަރު ކުރިންވެސް ހާލަތު އޮތީ އެފަދަ ގޮތަކަށްކަމަށާއި، އެހެންނަމަވެސް، އެކަމަށް އެއްވެސް ކުރިއެރުމެއް ނުލިބޭކަމަށެވެ. އަދި ކަމާ ބެހޭ އެހެން ފަރާތްތަކަށް އެކަމުގެ ޝަކުވާ ހުށަހަޅާކަމަށާއި އެހެންނަމަވެސް، އެއްވެސް ހައްލެއް ނުލިބޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މީގެކުރިން 2017 ވަނަ އަހަރުގެ ތެރޭގައި އިންޑިޔާގެ ސަރުކާރު އޮފީހެއް ވެއްޓިދާނެކަމުގެ ބިރަށްޓަކައި، މުވައްޒަފުން ވަނީ ހެލްމެޓް އަޅައިގެން އޮފީހުގެ އެތެރޭގައި މަސައްކަތް ކޮށްފައެވެ.
މިކަމާ ގުޅިގެން އެތައް ބަޔަކު ދަނީ އިންޑިޔާ ސަރުކާރަށް ފާޑު ކިޔަމުންނެވެ.




