ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން އޮލިމްޕިއާކޯސް ބަލިކޮށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްއިން މުބާރާތުގެ ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފިއެވެ.
ހުރިހާ ގޮތަކުންވެސް ބަޔާންއިން ކޮންޓްރޯލް ކުރި މިމެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ކިންގްސްލޭ ކޯމަންގެ ހުރަހަކުން މެޗުގެ 69 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ ބަޔާންގެ އިތުބާރު ފޯވާޑް ރޮބާޓް ލެވެންޑޯސްކީއެވެ. ލެވެންޑޯސްކީވަނީ މިސީޒަންގެ ޗެމްޕިއަންސް ލީގުގައާއި ބުންޑެސްލީގާގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައިވެސް ލަނޑުޖަހާފައެވެ. މިދެމުބާރާތުން މިސީޒަންގައި މިހާތަނަށް 20 ލަނޑު އޭނާ ބަޔާނަށް ކާމިޔާބުކޮށްދީފައިވެއެވެ.
ލެވެންޑޯސްކީވަނީ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖްގައި ޖެހިޖެހިގެން 8 މެޗުގައި ލަނޑުޖެހި ތިން ވަނަ ކުޅުންތެރިޔާއަށްވެސް ވެފައެވެ. 2012 ން 2014 އަށް ޖެހިޖެހިގެން ޗެމްޕިއަންސް ލީގު ގްރޫޕް ސެޓޭޖްގެ ނުވަ މެޗުގައި ކްރިސްޓީއާނޯ ރޮނާލްޑޯ ޖަހާފައިވާއިރު، މެސީވަނީ 2015 ން 2017 ށް 8 މެޗުގައި ލަނޑުޖަހާފައެވެ.
ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ޖުމްލަ 12 ޕޮއިންޓާއެކު ބާޔާން މިއުނިކްއޮތީ ގްރޫޕް ބީ ގެ އެއްވަނައިގެ ގޮތުގައެވެ.



