ރެއަލްމެޑްރިޑްގެ ތާރީޚަށް ބަލާއިރު ބެންޒެމާއަކީ ކްރިސްޓިއާނޯ ރޮނާލްޑޯފަދަ ކުޅުންތެރިއެއްކަމަށް ރެއަލްމެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.
ޒިދާން މިހެން ބުނެފައިވަނީ، 6-0 ގެ ނަތީޖާއަކުން ގަލަތަސަރޭގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. އެމެޗުގައި ބެންޒެމާވަނީ ދެ ލަނޑު ޖަހާފައެވެ.
"ރެއަލްމެޑްރިޑްގެ ތާރީޚަށް ބަލާއިރު ބެންޒެމާއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިއެއް." ޒިދާން ބުންޏެވެ.
މީގެއިތުރުން ޒިދާން ބުނީ، ހިސާބުތަކުން އެކަން ސާބިތުވާނެކަމަށާއި، ބެންޒެމާއަކީ ޓީމުގެ އެޓޭކިންއަށް ވަރަށް މުހިންމު ކުޅުންތެރިއެއްކަމަށެވެ. އަދި ރޮނާލްޑޯ ރެއަލްމެޑްރިޑް ދޫކޮށް ޔުވެންޓަސްއަށް ދިޔަ ފަހުން ބެންޒެމާއަށް އައި ހަމައެކަނި ބަދަލަކީ އޭނާ އިތުރަށް ކުރިއެރުންކަމަށްވެސް ޒިދާންވަނީ ބުނެފައެވެ.
ބެންޒެމާ ރޭގެ މެޗުގައި ޖެހި ދެލަނޑާއެކު ޖެހިޖެހިގެން 15 ޗެމްޕިއަންސް ލީގުގައި ލަނޑުޖެހި ދެވަނަ ކުޅުންތެރިޔާއަށް އޭނާވަނީ ވެފައެވެ. މިލިސްޓުން އެއްވަނަ ހޯދާފައިވަނީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މެސީ މިލިސްޓަށް އަރާފައިވަނީ މީގެ ދެހަފްތާ ކުރިންނެވެ.
އުމުރުން 31 އަހަރުގެ ބެންޒެމާ ޗެމްޕިއަންސް ލީގުގައި ޖެހި ފުރަތަމަ ލަނޑު ޖަހާފައިވަނީ ރޯސެންބޯގާއި ދެކޮޅަށެވެ. 2005 ވަނަ އަހަރުގެ ޑިސެމްބަރު 5 ވަނަ ދުވަހު ބެންޒެމާ މިލަނޑު ޖަހާފައިވާއިރު، އޭރު އޭނާގެ އުމުރަކީ 17 އަހަރެވެ. ބެންޒެމާ އޭރު ކުޅުނީ ލިޔޯންއަށެވެ. ބެންޒެމާ ރެއަލްމެޑްރިޑަށް ބަދަލުވީ 2009 ވަނަ އަހަރު 25 މިލިއަން ޕައުންޑަށެވެ.
ޗެމްޕިއަންސް ލީގުގެ 15 ސީޒަންގައި ބެންޒެމާ ލަނޑު ޖަހާފައިވާއިރު، އޭނާ ޖުމްލަ 62 ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ ސީޒަންއަކު ހަތަރު ލަނޑަށްވުރެ އިތުރު އަދަދެކެވެ.



