އިންޑިއާގެ ކޮލްކަތާގައި މިހާރު ކުރިއަށްދާ އިންޑިއާ އިންޓަނޭޝަނަލް ސައިންސް ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީ، އަލްފާޟިލް މުހައްމަދު މަލީހު ޖަމާލް ތަގުރީރު ކުރަށްވައިފިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވުމަށްޓަކައި އިންޑީއާގެ ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރ ޑރ. ހާޝް ވަރްދާންގެ އިތުރުން، ބޫޓާން، އަފްޣާނިސްތާން، މިޔަންމާގެ މިނިސްޓަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ސައިންސް ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަލީހްވަނީ އިންޑީއާއިން ސައިންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުމަށް އަލިއަޅުވާލައްވަވާފައެވެ. އަދި ސައިންސްއާއި ޓެކްނޯލޮޖީގެ ދާއިރާއިން އިންޑިއާގެ ހޯދުންތައް އަވައްޓެރި ގައުމުތަކަށް ވާސިލްކޮށްދިނުމާއި ނޮލެޖް ޓްރާންސްފަރ ކުރުމުގެ މުހިންމުކަން ފާހަގަކުރަށްވާ އެކަމަށް ގޮވާލެއްވިއެވެ.

އެގޮތުން މިނިސްޓަރގެ ވާހަކައިގައި އިންޑިއާގެ އިންސްޓިޓިއުޝަންތަކާއި ރާއްޖެއާއި އޮންނަންޖެހޭ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށާއި، ސައިންސާއި ޓެކްނޯލޮޖީ، އިންޖިނައރިންގ އަދި މެތަމެޓިކްސް ގެ ދާއިރާ ރާއްޖޭގެ ތައުލީމީ މަންހަޖުގައި ހިމެނުމަށް ކުރެވޭ މަސައްކަތައް އިންޑީއާއިން ވެދެވޭނެ އެހީތެރިކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައިވެއެވެ.
މީގެ އިތުރުންވެސް، މި ސަރަހައްދަކީ ދުނިޔޭގެ ޓެކްނޯލޮޖީގެ ހަބަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށާއި ސާކުގެ ގައުމުތަކުގެ ތެރެއިން މިކަން ކުރެވޭނެ ގޮތްތަކުގެ މައްޗަށް ވެސް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވެވިއެވެ. އަދި މުސްތަޤްބަލުގައި އިންޑިއާގައި ބޭއްވޭ މިފަދަ އިންޓަނޭޝަނަލް ސައިންސް ފެސްޓިވަލުތަކުގައި ދިވެހިރާއްޖޭގެ ސައިންސް ދާއިރާއިން ކިޔަވާކުދިންނަށް އަދި ޝައުގުވެރިވާ ކުދިންނަށް ބައިވެރިވެވޭނެ ގޮތްތަކަކާއިމެދުވެސް މަޝްވަރާކުރެވިފައިވެއެވެ.
އަދި މިނިސްޓަރ މަލީހުގެ އިތުރުން އިންޑިއާގެ ސައިންސް މިނިސްޓަރާއި ބޫޓާން، އަފްޣާނިސްތާން އަދި މިޔަންމާގެ މިނިސްޓަރުންވަނީ ސައިންސް ފެސްޓިވަލްގައި ބައިވެރިވާ އިންޑިއާގެ ހުރިހާ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން ސައިންސް ގެ ދާއިރާއިން ކިޔަވާ ދަރިވަރުންގެ އެކި ކޮންކްލޭވްތަކަށް ވަޑައިގެން އެކުދިންނަށް ހިތްވަރުދެއްވަވާފައެވެ.

މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ އިންޑިއާ އިންޓަނޭޝަނަލް ސައިންސް ފެސްޓިވަލަކީ އިންޑިއާގެ އެކި ސްޓޭޓްތަކުގައި ބޭއްވޭ މިފަދަ 5 ވަނަ ސައިންސްފެއަރއެވެ. އަދި މިފެއަރގެ ބައެއްގެ ގޮތުން މިއަދު މިނިސްޓަރ މަލީހުވަނީ އެސް.އެން.ބޯސް އިންސްޓިޓިއުޓަށްވަޑައިގެން އެތާނގެ މެނޭޖްމަންޓާއި ބައްދަލުކުރަށްވައި، އެ އިންސްޓިޓިއުޓާއި މިނިސްޓްރީއާއި ދޭތެރޭ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކަކާއިމެދު މަޝްވަރާކުރައްވާފައެވެ. އަދި މުސްތަޤްބަލްގައި ރާއްޖޭގައި ސައިންސްގެ ދާއިރާއިން ކުރިއަށް ދާންބޭނުންވާ ކުދިންނަށް މި ސެންޓަރު މެދުވެރިކޮށް ތަޢުލީމާއި ތަމްރީނު ފުރުސަތުތަށް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މީގެ އިތުރުންވެސް ރާއްޖެއިން ސައިންސްގެ ދާއިރާއިންކުރާ އެކިއެކި ދިރާސާތަކުގައި ފަންނީ އަދި ޢިލްމީ އެހީތެރިކަން މި އިންސްޓިޓިއުޓުން ހޯދުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފަވެއެވެ. އޭގެ އިތުރުން މިއަދު މިނިސްޓަރވަނީ އިންޑިއާގެ ސައިންސް ސެންޓަރއަށް ޒިޔާރަތްކޮށް އިންޑިއާޔާ ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ސައިންސްގެ ދާއިރާއިން މިވަގުތު ކުރިއަށްދާ ބޮޑެތި މެގަ ސައިންސް ޕްރޮޖެކްޓައް ބައްލަވާލައްވައި އެއާއިބެހޭ ތަފްސީލީ މައުލޫމާތު ހޯއްދަވާފައެވެ.
2015 ވަނަ އަހަރުންފެށިގެން އިންޑިއާއިން އިންޓަނޭޝަނަލް ސައިންސް ފެސްޓިވަލް ބާއްވަމުންދަނީ އިންޑިއާގެ ތަރައްޤީއަށް ސައިންސް އެންޑް ޓެކްނޯލޮޖީގެ ސަބަބުން ކުރުމުއްދަތެއްގެ ތެރޭގައި އައިސްފައިވާ ކުރިއެރުން ފާހަގަކޮށް ސައިންސާއި ޓެކްނޯލޮޖީއަށް ހިތްވަރުދީ ޕްރޮމޯޓްކުރުމަށެވެ. މީގެ އިތުރުންވެސް ހާއްސަކޮށް ސައިންޓިފިކް އިލްމާއި، އުފެއްދުންތެރިކަމާއި، މައްސަލަ ހައްލުކުރުމާއި ކްރިޓިކަލް ތިންކިންގ އަދި ގުޅިގެން މަސައްކަތްކުރުމަށް ސަމާލުކަން ބަހައްޓައިގެން، 21 ވަނަ ގަރުނަށް ބޭނުންވާ ފަންނު ކުރިއެރުވުމެވެ. މި ފަދަ ފެސްޓިވަލްތަކުގެ ދުރުރާސްތާ މަޤްސަދަކީ ސައިންސްގެ ދާއިރާއިން އުނގެނުމާއި މަސައްކަތްކުރުމަށް ޝައުޤުވެރިކަން އުފެއްދުމެވެ.




