ބިސްތަކެއްގެ ބައްޓަމަށްހުރި ގަނޑުފެންތަކެއް، ފިންލެންޑުގެ ގޮނޑުދޮށަކަށް ލެއްގުމުން، އެތައް ބަޔަކު ހައިރާންވެއްޖެއެވެ. ފިންލެންޑް އާއި ސްވިޑަން އާ ދެމެދު އޮންނަ ގަލްފް އޮފް ބޮތުނިޔާގެ ހައިލުއޯޓޯ އައިލެންޑުގެ ގޮނޑުދޮށަށް މި ބިސް ފާޑުގެ ގަނޑުފެންތައް ލެއްގުމުން، އެތައް ބަޔަކު ދަނީ އެ އެއްޗެހީގެ ފޮޓޯ ނެގުމަށް މަސައްކަތް ކުރަމުންނެވެ.
މި ގަނޑުފެންތައް ހުރި ގޮތުގެ ސަބަބުން އެތައް ބައެއްގެ ހިތްތަކަސް ހައިރާންކަން ގެނުވާފައިވާއިރު، މިއީ މޫސުމީ ކަމެއްގެ ސަބަބުން ކުރިމަތިވި ކަމެއްކަމުގައި، މާހިރުން ބުނެއެވެ. އެގޮތުން މޫސުމީ މާހިރަކު ބުނެފައިވަނީ މިއީ ކުދި ކުދި ގަނޑުފެން، ފެނާއި ވައިގެ ސަބަބުން ރޯލްވެ، މަގުފަހިވާ ކަމެއްކަމުގައެވެ.
މި ސަރަޙައްދުގައި ދިރިއުޅެމުންދާ ފަރާތްތަކުން ބުނާގޮތުގައި އެމީހުންގެ ހަޔާތުގައ، މީގެކުރިން މިފަދަ އެއްޗެއް ފެނިފައިނުވެއެވެ.
މީގެއިތުރުންވެސް، މި ގަނޑުފެންތަކުގައި ކައިރިއަށް ދިޔަ ފަރާތްތަކުން ބުނެފައިވަނީ އެކި ސައިޒު ސައިޒުގެ ބިސް ގަނޑުފެން، ގޮނޑުދޮށަށް ޖަމާވެފައި ހުރިކަމުގައެވެ. އެގޮތުން، ފުޓުބޯޅައެއްގެ ސައިޒުގެ ގަނޑުފެންވެސް، އޭގެތެރޭގައި ހިމެނޭކަމަށާއި އަދި 100 ފޫޓެއްހާ ސަރަޙައްދަށް، މި ބޯޅަތައް ފެތުރިފައިވާކަމަށްވެސް ބުނެފައިވެއެވެ.
މީގެކުރިން، 2016 ވަނަ އަހަރުގެ ތެރޭގައި ސައިބީރިޔާގެ ގޮނޑުދޮށަކުންވެސް މިފަދަ ގަނޑުފެންތަކެއް ފެނިފައިވެއެވެ.




