މީހެއްގެ ކަންފަތްތެރޭގައި އުޅެމުންދިޔަ ކުރަފިތަކެއް ނަގައިފިއެވެ. އުމުރުން 24 އަހަރުގެ، ޗައިނާ އަށް ނިސްބަތްވާ މީހެއްގެ ތެރެއިން ނަގާފައިވަނީ ކުރަފީގެ އެއް އާއިލާއެވެ.
ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި، މި މީހާގެ ކަންފަތް ތެރޭގައި ގިނަ އަދަދެއްގެ ކުރަފި އުޅެމުންދާކަން އެނގިފައިވަނީ، އެއް ދުވަހަކު ނިދައިން ހޭލިއިރު، ވަރަށް ގަދައަށް ކަންފަތުގައި ރިއްސަމުން ދިއުމުގެ ސަބަބުންނެވެ. ކަންފަތުގެ އެތެރެއިން، އެއްޗެއް ހާކާފަދަ އިހުސާސެއް ކުރެވޭތީ، އޭނާވަނީ އާއިލާގެ މެންބަރުންގެ ގާތުގައި އެދިގެން ކަންފަތުގެ އެތެރެއަށް އަލިކޮށްގެންވެސް ބަލާފައެވެ.
މި މީހާއަށް ފަރުވާ ދިން ކަރުން މަތީގެ ޚާއްޞަ ޑޮކްޓަރު، ޑރ. ޒޮންގ ޔިޖިން ބުނެފައިވަނީ ކަންފަތުގެ ތެރޭގައި ކުރަފިތައް ދިރިއުޅެމުން ދިއުމުގެ ސަބަބުން މި މީހާއަށް ވަރަށް ބޮޑަށް އުނދަގޫވަމުން ދިޔަކަމުގައެވެ.
ސަންހޭ ހޮސްޕިޓަލް ނަމަކަށް ކިޔާ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މި ޑޮކްޓަރު އިތުރަށް ބުނެފައިވަނީ 24 އަހަރުގެ މީހާގެ ކަންފަތުގެ ތެރެއިން ކުދި ކުދި 10 ކުރަފި ފެނިފައިވާކަމުގައެވެ. ކަންފަތުގެ ތެރޭގައި މި އެއްޗެހި ހަރަކާތް ކުރަމުން ދިޔައިރު، މި އެއްޗެހި ނަގާފައިވަނީ ޓްވީޒަރ އެއް ބޭނުންކޮށްގެންނެވެ. އަދި މަންމަ ކުރަފިވެސް ވަނީ ކަންފަތް ތެރެއިން ހޯދާ، ނަގާފައެވެ.
ޑޮކްޓަރު އިތުރަށް ބުނެފައިވަނީ މި ކަންތައް ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ، ކާބޯތަކެތި ހުސްނުކޮށް، އެނދު ކައިރީގައި ބެހެއްޓުންކަމަށެވެ. އަދި ސާފުތާހިރުކަން ކުޑަވުމުން މިފަދަ ކަމެއް ކުރިމަތިވެދާނެކަމަށްވެސް ބުނެފައިވެއެވެ.



