އަނިޔާގެ ސަބަބުން ސަންޗޯއަށާއި ރުއީސްއަށް ބަޔާން މެޗުގައި ނުކުޅެވޭނެ!

އަނިޔާގެ ސަބަބުން ޑޯޓުމުންޑްގެ ޖޭޑަން ސަންޗޯއަށާއި މާކޯ ރުއީސްއަށް ބަޔާން މިއުނިކާއި ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވޭނެ އުންމީދު ކުޑަކަމަށް ޑޯޓުމުންޑްގެ ކޯޗު ލޫސިއަން ފަވްރޭ ބުނެފިއެވެ.

ކުޑަ ހުޅަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން ޗެމްޕިއަންސް ލީގުގައި 3-2 ގެ ނަތީޖާއަކުން އިންޓަރ މިލާންގެ މައްޗަށް ޑޯޓުމުންޑުން ކުރި ހޯދި މެޗުގައި ރުއީސް ކުޅެފައިނުވާއިރު، އެމެޗުގައި ސަންޗޯއަށްވަނީ އަނިޔާވެފައެވެ.

ބަޔާން މިއުނިކާއި ދެކޮޅަށް ކުޅެވޭ ފޯރިގަދަ މެޗުގައި މިދެކުޅުންތެރިންނަށްވެސް ކުޅެވޭނެ ކަމުގެ ޔަޤީންކަން އަދި ލިބިފައެއްނުވެއެވެ. މިދެކުޅުންތެރިންނަށް އެމެޗުގައި ކުޅެވޭތޯ ބެލުމަށް މިއަދު ޓެސްޓްތައް ހަދާނެކަމަށްވެއެވެ.

"ދެކުޅުންތެރިންނަށްވެސް ކުޅެވޭނެކަން ނުވަތަ ނޫންކަން ޔަޤީންވާނީ ހުކުރު ދުވަހުގެ ޓެސްޓްތަކަށްފަހު." ކޯޗު ބުންޏެވެ.

ބުންޑެސް ލީގާގައި ބަޔާން މިއުނިކާއި ޑޯޓުމުންޑް ބައްދަލުކުރާ މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެލިއެންސް އެރީނާގައެވެ. 2014 ވަނަ އަހަރުގެ އޭޕްރީލްގެ ފަހުން ޑޯޓުމުންޑަށް މިދަނޑުގައި ބަޔާންގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ. އަދި އެންމެ ފަހުން ކުޅުނު ދެ މެޗުންވަނީ ލަދުވެތި ބޮޑު ނަތީޖާއަކުން ބަލިވެފައެވެ.

މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 22:30 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ