ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) މި ނޮވެންބަރު 08 ވަނަ ދުވަހުގެ ރޭ ވަނީ އުފައްދަވާފައެވެ. އެ މަނިކުފާނު ވަނީ އެ ޕާޓިގެ ވަގުތީ ރައީސްއަކަށްވެސް އިންތިޚާބު ކޮށްފައެވެ.
ދެވަނަ ޖުމްހޫރިއްޔާގެ ފުތަރަމަ ރައީސް އިބްރާޙީމް ނާޞިރުގެ ވެރިކަމަށްފަހު 1978 ވަނަ އަހަރު ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް ކަމަށް އަލްއުސްތާޛު މަޢުމޫން ޢަބްދުލް ޤައްޔޫމް އިސްކުރެވުނެވެ. މަޢުމޫންގެ ވެރިކަމާއެކު އޭރުގެ ހާލަތުން ދިވެހިރާއްޖެއަށް ފާހަގަ ކޮށްލެވޭ ބޮޑު ކުރިއެރުންތަކެއް އެކިއެކި ދާއިރާތަކުން ދިޔައީ ލިބެމުންނެވެ. އަދި ގިނަ ރައްޔިތުންގެ ލޮއެއްބާއި އިޙްތިރާމް ލިބިފައިވާ ވެރިޔަކަށް މަޢުމޫން ވެވަޑައިގަތެވެ.
ނަމަވެސް ހާލަތު ބަދަލުގެ މަޢުމޫނުގެ ވެރިކަމުގެ ހަ ވަނަ ދަޢުރު ފެށިގެން ގޮސްފައިވަނީ ސިޔާސީ ގޮތުން އާ ޞަފްޙާތަކެއް ހުޅުވަމުންނެވެ. ގިނަ ޕާޓީތަކެއް ހިމެނޭ ސިޔާސީ ނިޒާމެއް ތަޢާރަފްކުރުމުގެ ވާހަކަ ތަކާއި އެކަމުގެ މަސައްކަތްތައް ކުރެވެން ފެށުނެވެ. އަދި މަޢުމޫނުގެ ދިގު ވެރިކަމާއި ނުރުހުން ފާޅުކޮށް، ވެރިކަމާއި ދެކޮޅަށް އެކިއެކި ތަންތަނުގައި ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކެން ފެށުނެވެ. ސިޔާސީ ޕާޓީތައް އުފެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރެވެން ފެށުނެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގައި ސިޔާސީ ޕާތީތައް ރަޖިސްޓްރީ ކުރެވިގެން ދިޔައެވެ. އަދި އާ ޤާނޫނު އަސާސީއެއް އެކުލަވާލާ ވެރިކަމުގެ ނިޒާމު ކަނޑައެޅުނެވެ. ސިޔާސީ މަޝްރަޙަށް ހީވެސް ކުރެވިފައި ނުވާވަރުގެ ބޮޑެތި ބަދަލުތައް އަންނަމުން ދިޔައެވެ.
މަޢުމޫނުގެވެސް ވަނީ އެމަނިކުފާނު އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް "ދިވެހިރައްޔިތުންގެ ޕާޓީ" (ޑީއާރުޕީ) އުފައްދަވާފައެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ވެގެން ގޮސްފައިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް އާ ބަދަލުތަކެއް ގެނުވި ކަމަކަށެވެ. 30 އަހަރުގެ ވެރިކަމަކަށް ފަހު އަލްއުސްތާޛު މަޢުމޫނު ޢަބްދުލްޤައްޔޫމްގެ ވެރިކަމަށް 2008 ވަނަ އަހަރު ނިމުން ގެނުވައިފިއެވެ.
ނާކާމިޔާބީއާއި ކުރިމަތިވެ ވަޑައިގަތުމާއެކު މަޢުމޫން ސިޔާސީ ހަރަކާތްތަކާ ކޮންމެވެސް ވަރަކަށް ދުރައް ވަޑައިގަތެވެ. ނަމަވެސް ޑީއާރުޕީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވީ މަޢުމޫންއެވެ. މާ ގިނަ ދުވަސްތަކެއް ނުވަނީސް ޑީއާރުޕީގެ ތެރޭގައި ދެބަސްވުންވަތާއި ޚިޔާލު ތަފާތުވުންތައް އުފެދުނުވެ. އެއާއިއެކު އޭރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ދެ ބަޔަކަށް ބައިވިއެވެ. ޑީއާރުޕީގެ އިސް ސަފުގައި މަޢުމޫގެ ފަހަތްޕުޅުގައި އުޅުއްވި ގިނަ ސިޔާސީ ލީޑަރުންތައް މަޢުމޫން ދޫކުރައްވާ ދުރައްވަޑައިގަތެވެ. ބައެއް ފަރާތްތައް އެހެން ޕާޓީތަކަށް ބަދަލުވެ މަޢުމޫނާއި ދެކޮޅަށް ސިޔާސީ ޕޯޑިއަމްތަކުގައި އަޑު އުފުލަން ފެށިއެވެ.
އެއާއިއެކު މަޢުމޫން ޑިއާރުޕީ ދޫކުރައްވާ ދުރައް ވަޑައިގަތެވެ. އަދި ކުރިޔަށް އޮތް އިންތިޚާބަށް އާ ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވިއެވެ. ނަތީޖާއަކަށްވީ މަޢުމޫނުގެ ދެ ވަނަ ޕާޓީ "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް" (ޕީޕީއެމް) ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމެވެ.
2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބަށް ޕާޓީ ވަރުގަދަކޮށް ސިޔާސީ ހަރަކާތްތައް ފުޅާ ކުރިއެވެ. ޕީޕީއެމްގެ ޓިކެޓްގައި 2013 ގެ އިންތިޚާބަށް ކޮށްކޯފުޅު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ނިކުމެވަޑައިގެން ޕީޕީއެމްއާއި ގުޅުނު ކޯލިޝަނުން އެ އިންތިޚާބު ކާމިޔާބު ކުރިއެވެ. ނަމަވެސް ޔާމީންގެ ވެރިކަމުގައި މަޢުމޫނާއި ދެމެދު ޚިޔާލު ތަފާތުވުން އުފެދި މަޢުމޫނު، ޔާމީނާއި ދުރަށް ވަޑައިގަތެވެ.
އިދިކޮޅު އެމްޑީޕީއާއި ކޯލިޝަން ހައްދަވައި 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގައި ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި މަޢުމޫން ހަރަކާތްތެރިވިއެވެ. އަދި މަޢުމޫންގެ ތިން ވަނަ ސިޔާސީ ޕާޓީ މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމުގެ މަސައްކަތް ފެއްޓެވިއެވެ.
އެ މަސައްކަތް ކާމިޔާބު ކުރައްވައި ނޮވެންބަރު 07 ވަނަ ދުވަހުގެ ރޭ ވަނީ އެމްއާރުއެމް އުފައްދަވާފައެވެ. މިހާ ހިސާބުނެ އުފެދޭނެ ސުވާލަކީ މަޢުމޫން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި މި އުފެއްދި ސިޔާސީ ޕާޓީއަށް މި ފަހަރު ވާނީ ކިހިނެތްތޯއެވެ؟ މަޢުމޫން ކުރިން އުފެއްދެވި ދެ ޕާޓީވެސް ވެގެން ގޮސްފައިވަނީ އެ ދުވަސްވަރުގެ ވަރުގަދަ ސިޔާސީ ފިކުރު ތަކެއްގެ ގޮތުގައެވެ. ނަމަވެސް އެކި ސަބަބު ތަކާހުރެ މަޢުމޫނަށް ވަނީ ޕާޓީ ދޫކުރައްވައި ދުރައްވަޑައިގަންނަން މަޖުބޫރުވެފައެވެ.
މަޢުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީއާއިއެކު އަނެއްކައިވެސް މަޢުމޫނުގެ ސިޔާސީ ހަރަކާތްތައް އިތުރުވެގެންދާނެކަމުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މިހާރު ވެރިކަން ހިންގާ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންދާ މަޢުމޫނުގެ ސިޔާސީ ޕާޓީ އެމްއާރުއެމް އާއެކު ކުރިޔަށް އޮތް އިންތިޚާބު ތަކުގެ ވާދަވެރިކަން އިތުރުވެގެން ދާނެއެވެ.