ބޭންކް އޮފް ސިލޯނު (މާލެ ބްރާންޗް) ގެ އިސް މުއައްޒަފުންތަކެއްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުކޮށް، އެ ބޭންކާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ކޯޓަށް ހުށަހަޅާފައިވަނީ ބޭންކް އޮފް ސިލޯން، މާލޭ ބްރާންޗުގައި ދެމަފިރިއަކު ހުޅުވާފައިވާ ބޭންކް އެކައުންޓަކުން ހަތަރު މިލިއަން ދިވެހި ރުފިޔާއާއި ގާތްކުރާ އަދަދަކަށް ޚިޔާނާތްތެރިވި މައްސަލައެކެވެ.
އެދެމަފިރިންގެ ފަރާތުން ވަކާލާތުކުރައްވާ ލޯފާމުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، އެ މައްސަލައިގައި އިހުމާލުގެ ތުހުމަތު ކުރެވެނީ އެ ބޭންކްގެ އިސް މުވައްޒަފުންތަކަކަށް ކަމަށާއި، ބޭންކް އޮފް ސިލޯނާއި ދެކޮޅަށް ދެމަފިރިން ވަކިވަކިން ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
މި ޚިޔާނާތުގެ ޖިނާއީ އަމަލު ހިންގިކަމުގައި ބެލެވޭ ބޭންކްގެ އެގްޒެކެޓިވް މުއައްޒަފުގެ މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ހުށަހަޅާފައިވާނެ ކަމަށް ޤާނޫނީ ޓީމުން ވަނީ ވިދާޅުވެފައެވެ.
"ނަމަވެސް ހިތާމަޔަކީ، ބޭންކްގެ މުއައްޒަފުންގެ އަމަލުތަކަށް ބޭންކުން ޒިންމާވާންޖެހޭނޭ ބުނާ ޤާނޫނީ ޤާއިދާގެ އިތުރުންވެސް، ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހު ބޭންކުގެ ސްޓާފުން މިނެކިރުމާއި މޮނިޓަރ ކުރުމުގެ ކަންކަމުގައި ބޭންކުން ބަލަންޖެހޭ މިންވަރަށް ނުބެލި، ފަރުވާތެރި ނުވެވި އަދި ފަހަރުގައި ސީދާގޮތުން އިހުމާލުވެފައިވާކަން." ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
ދެމަފިރިންގެ އެކައުންޓުން ޚިޔާނާތްތެރިވެފައިވާ ފައިސާ އަލުން އަނބުރާ އިޔާދަކޮށް ޖަމާކޮށްދީފައި ނުވާއިރު، މިހާތަނަށް މިކަމުގައި ބޭންކުން ޖަވާބުދާރީ ވުމަށްވެސް އިންކާރުކޮށްފައިވާކަމަށް ޤާނޫނީ ޓީމުން ވަނީ ވިދާޅުވެފައެވެ.
"ބޭންކުގެ އިޖާބަ ދެރަވަރެވެ. އަދި އެކަމުގެ ސަބަބުން އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން އަދި އަޅުގަނޑުގެ މަސްލަޙަތު އޮންނަ ވިޔަފާރިތަކަށް ނޭދެވޭ އަނިޔާ ލިބި އަސަރު ކޮށްފައިވޭ." ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.





ހިޔާލު
Polihakaa indhegen ulhey eydhafushee anhen kujjeh koggen ulhey kameh.. anhen kujjaa boc ga ulheythaa 11 aharu vejje..