ގްރީސްގައި ބާއްވާ ވޯލްޑްކަޕަށް ކޫޑޯ މޯލްޑިވްސް ތައްޔާރުވަނީ

އަންނަ އަހަރު ގްރީސްގައި ބާއްވާ ވޯލްޑްކަޕަށް "ކޫޑޯ މޯލްޑިވްސް" ތައްޔާރުވަމުންދާކަމަށް ކޫޑޯ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭ ޓީވީގެ "ކުޅިވަރު ފައިލް" އަށް ދިން އިންޓަރިވިއުއެއްގައި ވާހަކަ ދައްކަމުން ކޫޑޯ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޝްޙަމް ޢަބްދުﷲ ވިދާޅުވީ، އަންނަ އަހަރުގެ ބޮޑު ދެ މުބާރާތާކަށް މިހާރުވެސް އެއެސޯސިއޭޝަނުން ތައްޔާރުވަމުން އަންނަކަމަށާއި އޭގެ ތެރޭގައި އަންނަ އަހަރު ގްރީސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޫޑޯ ވޯލްޑްކަޕްވެސް ހިމެނޭކަމަށެވެ.

މިއަހަރު އިންޑިއާގައި ބޭއްވުނު އަކްޝޭ ކުމާރު މިކްސްޑް އާރޓްސް މުބާރާތުގައި "ކޫޑޯ މޯލްޑިވްސް" އިން ހޯދި ކާމިޔާބީތައް ފާހަގަކުރައްވާ އަޝްޙަމް ވިދާޅުވީ، އެއީ ކޫޑޯ މޯލްޑިވްސްއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. މިމުބާރާތުގެ 4 ކެޓަގަރީއެއްގައި ކޫޑޯ މޯލްޑިވްސްއިން ބައިވެރިފައިވާއިރު، 2 ކެޓަގަރީއަކުންވަނީ ރަން މެޑަލް ހޯދާފައެވެ. ރާއްޖެއިން ބައިވެރި ފަސް ކުޅުންތެރިންގެ ޓީމުން 2 ރަންމެޑަލް 2 ރިހިމެޑަލް އަދި 1 ލޯ މެޑަލް ހޯދާފައިވެއެވެ.

އަދި ރާއްޖޭގައި މާޝިއަލް އާރޓްސްއަށް ހުންނަ ޝަޢުޤުވެރިކަން އިތުރުވެފައިވާއިރު، ރާއްޖޭގައި ބާއްވާ ތަފާތު އެކްސްޕޯ ތަކުގައާއި އިވެންޓްތަކުގައި "ކޫޑޯ މޯލްޑިވްސް" އިޝްތިހާރުކުރަމުންދާކަމަށްވެސް އެއެސޯސިއޭޝަނުންވަނީ ވިދާޅުވެފައެވެ. މީގެއިތުރުން އަތޮޅު ތަކަށްވެސް މިކުޅިވަރު ތަޢާރަފް ކުރަން މީގެ ކުރިންވެސް މަސައްކަތްކުރި ނަމަވެސް އިސްޓަރަކްޓަރުން މަދުކަމުން އެކަން ކާމިޔާބުނުވީކަމަށާއި، ނަމަވެސް އަތޮޅުތަކުގައި މިކަން ކުރިއަށް ގެންދަން ޝަޢުޤުވެރިވާ ފަރާތްތަކާއި ވާހަކަ ދައްކައިގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ވިދާޅުވިއެވެ.

މާޝިއަލް އާރޓްސްއަކީވެސް ކުރިއެރުމަށް ރަނގަޅު ކުޅިވަރެއްކަމަށާއި، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިއީ ވަރަށް ރަނގަޅު ފީލްޑެއްކަމަށްވާއިރު، "ކޫޑޯ މޯލްޑިވްސް" އިން ކުޅުންތެރިން ހޯދުމުގައި އުމުރަށް ނުބަލާކަމަށްވެސްވަނީ ވިދާޅުވެއެވެ.

ބޭރު ޤައުމުތަކުގައިވެސް ތަމްރީނު ކުރުމުގެ ފުރުޞަތު ދިވެހިންނަށް މިހާރުވެސް ލިބެމުންދާކަމަށް އަޝްޙަމް ފާހަގަކުރައްވާފައިވާއިރު، އޭގެތެރޭގައި އިންޑިއާ، ޖޯޖިއާ އަދި ރަޝިއާގެ އިތުރުން ޖަޕާންވެސް ހިމެނެއެވެ.

މީގެއިތުރުން މާޝިއަލް އާރޓްސްއަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ހުރަހަކީ ފަރިތަކުރުންތައް ކުރިއަށް ގެންދަން އެކަށީގެންވާ ތަނެއް ނެތުންކަން އަޝްޙަމްވަނީ ފާހަގަކުރައްވާފައެވެ. މާލޭގައި ބިމު ކުލީގެ ޚަރަދު އެހާ ބޮޑުއިރު، ބިމު ކުއްޔަށް ޚަރަދުކޮށްފައި އިތުރަށް ކުޅިވަރު ތަރައްޤީ ކުރަން ދަތިތަކެއް ހުރިކަމަށްވެސް އަޝްޙަމްވަނީ ވިދާޅުވެފައެވެ. އަދި ރަނގަޅު ރިސޯސްތަކާއެކު ރާއްޖޭގެ ކުޅުންތެރިންނަށް ފަރިތަކުރުމުގެ ފުރުޞަތު ލިބިއްޖެނަމަ، މުބާރާތްތަކުން އެކުދިން ރާއްޖެ އަބަދުވެސް ރީތިނަން ހޯދައިދޭނެކަމަށް އަޝްޙަމް ޤަބޫލުކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ