ރާއްޖޭގައި ބާއްވާ ފުރަތަމަ މާޝިއަލް އާޓްސް މުބާރާތް މިމަހުގެ ދިހަވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް މުބާރާން އިންތިޒާމްކުރާ ފަރާތުން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މާޝިއަލް އާޓްސް 3 އެސޯސިއޭޝަނެއް ވެގެން އިންތިޒާމްކުރާ މިމުބާރާތުގައި 40 އަށްވުރެ ގިނަ ބައިވެރިން ފެނިގެންދާނެއެވެ. 'ޓައެކްވޮންޑޯ ކިކް ބޮކްސިންގ' ރޫލާއެއްގޮތަށް ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތް އިންތިޒާމްކުރަނީ ކޫޑޯ މޯލްޑިވްސް އަދި ޝޮޓޮކަން ކަރާޓޭ ރިޔު އެސޯސިއޭޝަންގެ އިތުރުން ޓައެކްވޮންޑޯ އެސޯސިއޭޝަނުންނެވެ.
'ފަޝްޓް ޝާކްސް އެމްއޭއޭ ކޮމްބެޓް ސްޕޯޓްސް ޓާނަމަންޓް' ގެނަމުގައި ކުރިއަށް ގެންދޫ މިމުބާރާތް ކުރިއަށްދާނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް ހޯލްގައެވެ. ޝާކްސް މާޝިއަލް އާޓްސް އެކަޑަމީއިން މިމުބާރާތުގެ މެއިން ސްޕޮންސަރކޮށްފައިވާއިރު، މުބާރާތުގެ ޓެކްނިކަލް އޮގަނައިޒަރއަކީވެސް އެއީއެވެ. އަދި މުބާރާތަށް ބޭނުންވާ ރެފްރީންވެސް ތަމްރީންކޮށްދީފައިވަނީވެސް ހަމަ ޝާކްސް މާޝިއަލް އާޓްސް އެކަޑަމީއިންނެވެ.
އެއްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިމުބާރާތް އަންނަ ހުކުރުދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި 30 ކުޅުންތެރިން ވާދަކުރާނެއެވެ. މީގެއިތުރަށް 20 ކުޑަ ކުދިންގެ މާޝިއަލް އާޓްސް ހުނަރުތައް ދައްކާލުންވެސް އޮންނޭނަކަމަށް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތުދީފައިވެއެވެ.

މިނޫހަށް މަޢުލޫމާތު ދެމުން މިމުބާރާތް އިންތިޒާމްކުރާ ފަރާތުން ވިދާޅުވީ، މުބާރަތަށް ބޭނުންވާ ފަސްޓް އެއިޑާއި ސޭފްޓީގެ ކަންތައްތައް މިހާރު ހަމަޖެހިފައިވާއިރު، މިމުބާރާތް ކުރިއަށް ގެންދިއުމަށް ޔޫތު މިނިސްޓްރީގެ އާބަސްވެސް މިހާރު ލިބިފައިވާކަމަށެވެ. އަދި މިއަހަރުގެ މުބާރާތް ރާއްޖޭގެ މާޝިއަލް އާޓްސް އެސޯސިއޭޝަން ތަކުގެ ބައިވެރިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވީނަމަވެސް މުސްތަޤްބަލުގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅޭކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.
ރާއްޖޭގެ މާޝިއަލް އާޓްސް ސްކޫލްތަކުން މިދިޔަ އަހަރު އިންޓަނޭޝަނަލް 3 މުބާރާތެއްގައި ބައިވެރިފައިވާއިރު، މާޝިއަލް އާޓްސް ރާއްޖެގައި އިތުރަށް ތަރައްޤީ ކުރުމަށް ވާދަވެރި މުބާރާތްތައް ރާއްޖެގައިވެސް ބޭއްވުމަކީ މުހިންމުކަމެއް ކަމަށް މުބާރާތް އިންތިޒާމް ކުރާފަރާތުން ދެކެއެވެ. އަދި އެފަރާތުގެ އެންމެ ބޮޑު ހުވަފެނަކީ އަދި އުންމީދަކީ މާޝިއަލް އާޓްސްއަކީވެސް ރާއްޖޭގެ ސަރުކާރާއި އަދި ވީހާވެސް ގިނަ އާންމުން ބަލައިގަންނަ، ފުރިހަމަ ސަޕޯޓް އޮތް ކުޅިވަރަކަށް މިކުޅިވަރު ވެގެންދިއުމެވެ.
ރާއްޖޭގައި މިފަދަ މުބާރާތެއް ބޭއްވުމަށް ތައްޔާރު ވަމުން އަންނައިރު، މިދިޔަ އޮކްޓޯބަރު މަހު އިންޑިއާގައި ކުރިއަށްދިޔަ ބޮލީވުޑްގެ މަޝްޙޫރު ފިލްމީތަރި އަކްޝޭ ކުމާރު އިންތިޒާމުކުރި ކޫޑޯ މުބާރާތުގައި ބައިވެރިވި ކޫޑޯ މޯލްޑިވްސްއިން ރަންވަނަތަކެއް ޙާޞިލްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
އިންޑިއާގެ އެންމެ ގިނަ މީހުން ބައިވެރިވި ކޫޑޯ މިމުބާރާތަށް ރާއްޖެއިން ދިޔަ ފަސް ކުޅުންތެރިންގެ ޓީމުން 2 ރަންމެޑަލް 2 ރިހިމެޑަލް އަދި 1 ލޯ މެޑަލް ހޯދާފައިވެއެވެ.
އަދި މުބާރާތް އިންތިޒާމުކުރުމުގައި ބައިވެރިވާ ޝޮޓޮކަން ކަރާޓޭ ރިޔު އެސޯސިއޭޝަންވެސް މިދިޔަ އަހަރު ބައިވެރިވި ތަފާތު މުބާރާތްތަކުން ރަންމެޑަލް ހޯދާފައިވެއެވެ.



