އިޓާލިއަން ސީރީއާގައި ރޭ އޭސީ މިލާން އަދި ޔުވެންޓަސް ބައްދަލުކުރި މެޗުގައި ފަހު ވަގުތު ކޮޅުގައި ޕައުލޯ ޑިބާލާ ޖެހި ލަނޑާއެކު ޖުވެންޓަސް ސަލާމަތްވެއްޖެއެވެ.
ޔުވެންޓަސް ސްޓޭޑިއަމްގައި ކުޅުނު މިމެޗު 1-0 ގެ ނަތީޖާއަކުން ޔުވެންޓަސް ކާމިޔާބުކޮށްފައިވާއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 77 ވަނަ މިނަޓްގައި ހިގުއައިންގެ އެސިސްޓަކުން ކާމިޔާބުކޮށްދީފައިވަނީ ޕައުލޯ ޑިބާލާއެވެ.
ރޭގެ މެޗުގައި ޑިބާލާ ކުޅެން ނުކުމެފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި މެޗުގެ 55 ވަނަ މިނަޓްގައެވެ. މީގެ ފަސްދުވަސް ކުރިންވެސް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލޮކޮމޯޓިވް މޮސްކޯއާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ޑިބާލާ ރޮނާލްޑޯގެ ބަދަލުގައި ކުޅެން ނުކުމެފައިވެއެވެ.
ދެޓީމުގެ ފަރާތުންވެސް އާދައިގެ ހަމަހަމަކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ދެޓީމަށްވެސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މެޗުގެ ފަހު ވަގުތު ކޮޅުގައި ހިގުއައިން އަށާއި ޑިބާލާއަށް ލިބުނު ފުރުޞަތު ފާހަގަކޮށްލެވެއެވެ.
ރޭގެ މޮޅާއެކު ސީރީއާ ތާވަލްގެ އެއްވަނަ ޔުވެންޓަސްއަށް ލިބެނީ ދެވަނާގައި އޮތް އިންޓަރ މިލާންއަށްވުރެ އެއް ޕޮއިންޓް އިތުރަށް ލިބިގެންނެވެ. 12 މެޗުން ޔުވެންޓަސްއަށް 32 ޕޮއިންޓް ލިބިފައިވާއިރު އިންޓަރ މިލާންއަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.




