ނޯޓީ 40 އަކީ ދިވެހި ސިނަމާތަކަށް އައި ތަފާތު ހެއްވާ މަޖާ ފިލްމެކެވެ. އެ ފިލްމަށް ދިވެހި ފިލްމު ބެލުންތެރިން ހުރި ޝައުގުވެރިކަން ސިނަމާތަކުން ފެނުނެވެ. އެ ޝައުގުވެރިކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ 40 ޕްލްސްގެ ނަމުގައި އެއަށްވުރެވެސް ފުރިހަމަ ފިލްމެއް ބެލުންތެރިންނަށް ދޫކޮށްލުމަށް ޕްރޮޑަކްޝަން ޓީމުން މަސައްކަތް ފެށުމެވެ.
ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން އެކުވެގެން، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް، އިސްމާއިލް ޝަފީގު ޕްރޮޑިއުސްކުރި "40 ޕްލަސް" ގެ ހުރިހާ މަސައްކަތެއް ނިމި ދެން އޮތީ ސިނަމާގައި ޕްލޭ ކޮށްލުން އެކަންޏެވެ. "ދަ ބިގެސްޓް މޫވީ އޮފް ދަ 2019" ގެ ގޮތުގައި ޕްރޮމޯޓްކުރަމުން އަންނަ ފިލްމު އޮލިމްޕަސް ސްކްރީން ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގެރެއެވެ.
ފިލްމު ޕްރިމިއަރ ކުރަން މިހާ ވަގުތު ކުޑަތަންވެފައިވާއިރު، ޕްރޮޑަކްޝަން ޓީމުން މިވަނީ އޮފިޝަލް ޓްރެއިލަރ ބެލުންތެރިންނަށް ދޫކޮށްލައި، އެތައް ބަޔަކު ހެއްވާލާފައެވެ. އެތައް ބަޔަކު ސިއްސުވާލާފައެވެ.

"އަހަރެން ބޭނުމެއް ނޫން ކާއެއްޗެއްވެސް ބޯއެއްޗެއްވެސް، އަހަރެން ބޭނުމީ ބޯހިޔާވަހިކަން." ޓްރެއިލަރގެ ފެށުން ފެންނަނީ މިހެން ބުނާ މަންޒަރެވެ. މި ޖުމްލައަށް އެކަނި ބަލާލުމުންވެސް ފިލްމަކީ ދިވެހި މުޖުތަމައުގެ އިޖުތިމާއީ މައްސަލަތަކާ ގުޅިފައިވާ ފިލްމެއްކަން ޔަޤީންވެގެންދެއެވެ.
"ކަލޭމެން ކުރަންވީ ކަމަކީ އެގެއަކީ ބިރުވެރި ނާމާން ތަނެއްގެ ގޮތުގައި މިރަށުތެރޭގައި ކަލޭމެން އަޑު ފަތުރަންވީ!" މިއީވެސް ފިލްމުގެ ޓްރެއިލަރގެ މަންޒަރެއްގައި ބުނާ ބަސްކޮޅެކެވެ. ރާއްޖޭގައި ހިނގާ ބައެއް ކަންކަމާ މި ފިލްމާ ގުޅޭނެވަރު މި މަންޒަރެއް ވަރަށް ރަނގަޅަށް އެބަ ސާފުވޭ ނޫންތޯއެވެ.

އޮޅުވާލުންތަކާ ޖޯކް މަންޒަރުތަކުން ފެނުނު ޓްރެއިލަރއިން ދެން ފެންނަނީ ހަޤީޤަތުގައިވެސް ބަޔަކާ ދިމާވާ ބިރުވެރި ކަންތައްގަނޑެކެވެ. އެ ބިރުވެރިކަމުގެ ތެރޭގައި ދެ ފިރިހެނުން ބިރުން އެނދު ތަންދޮށަށް ވަންނަ މަންޒަރުގައި އަޅައިނުގަނެ ޓްރެއިލަރ ނިމިއްޖެނަމަ އަދި އެއްފަހަރު ޓްރެއިލަރ ބަލާލާށެވެ.
ފޯޓީ ޕްލަސްވެފައި ތިބި ފިރިހެނުންތަކެއް ފަހަރުން ލަޓިބުރި ހިފައިގެން ދުވާ ދުވުން ފައްކަލެވެ. އެހެރަ ދިވާ ދުވުމާއި، ޖަހާލާ ހިނިގަނޑުތައް އެހާމެ ފައްކަލެވެ.
މިހައިތަނަށް ރާއްޖޭގެ އެންމެ ގިނަ ބަޔަކު އެ ފިލްމެއް ބެލުމަށްފަހު ފިލްމު އެންމެ ބޮޑަށް ކަމުގޮސްފައިވާ ”ނޯޓީ ފޯޓީ“ ގެ ސީކުއަލްއެއްގެ ގޮތުގައި އުފައްދާ ހޮރޯ ކޮމެޑީ ”ފޯޓީ ޕްލަސް“ގެ މަންޒަރުތައް ނަގާފައިވަނީ ތ. ބުރުނީގައެވެ. ”ފޯޓީ ޕްލަސް“ އަކީ ބެލުންތެރިން ހެއްވާލާނެ ފިލްމަކަށް ވާނެ ކަމަށް އެ ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ޔަގީންކަންދެ އެވެ.

ފިލްމުގެ މައިގަނޑު ތަރިންނަކީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން ދެވަންސޫރައިން ފިލްމީ ދާއިރާއަށް ތައާރަފުވި، ޝިފާ، އާނަންދު އަދި މަރިޔަމް ޝަކީލާ އާއި މުޅިން އަލަށް ތައާރަފުވާ ބަތަލާ އިރްފާނާ އިބްރާހީމްވެސް ހިމެނެއެވެ.
ފޯޓީ ޕްލަސްގެ އޮފިޝަލް ޓްރެއިލަރ ފެނިއްޖެއެވެ. ފުލުފުލުގައި ދޫކޮށްލަމުންދާ ޓީޒާތައްވެސް އެތައް ބަޔަކު ބަލައިފިއެވެ. ފިލްމު ޕްރިމިއަރ ކުރުމުގެ ކުރިން ފިލްމަށް މާ ބޯޑު ފާޑުކިޔުންތަކެއް ނެތުމަކީ ފިލްމަށް ބެލުންތެރިން ކުރަމުންދާ އުއްމޟިދު އިތުރަށް ބޮޑުވެގެންދިޔަ ކަމެއްކަން ޔަޤީނެވެ.

ރާއްޖޭގައި އަލަށް ނެރޭ ހޮރޯ ކޮމެޑީ ”ފޯޓީ ޕްލަސް“ގެ 20 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައިވެސް ފިލްމު އަޅުވަން ދަނީ ވާހަކަދައްކަމުންނެވެ. ރާއްޖޭގެ ކަންކޮޅުތަކުގައިވެސް މި ފިލްމު ވަރަށް އަވަހަށް ދެއްކުމަށް ހަމަޖެހިފައިވާކަމަށް ޕްރޮޑަކްޝަން ޓީމުން ވިދާޅުވެއެވެ.
އަހަރުގެ ބޮޑު ފިލްމު ބަލަން ތައްޔާރުވާށެވެ. ސިނަމާތައް ގުގުމާލަން ޕްރޮޑަކްޝަން ޓީމުން އެދަނީ ފުރިހަމައަށް ޔައްޔާރުވަމުންނެވެ. ބަލަންތިބޭށެވެ. ހީލާފަ ނޫނީ ސިނަމާއިން ނުނިކުންނާނެކަމީ ހަމަ ޔަޤީންކަމެއް ނޫންތޯއެވެ!



