އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް ލިވަޕޫލްއިން ލީގުގެ ކޮންޓްރޯލް އެމީހުންގެ އަތްދަށުގައި އޮތްކަން ހާމަކޮށްދީފިއެވެ.
އެންފީލްޑްގައި ކުޅުނު މިމެޗުގެ ފެއްޓުމާއެކު ލިވަޕޫލުން ލަނޑެއްޖަހައި ސިޓީ ޙައިރާންކޮށްލިއިރު، މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ފަބީނިއޯއެވެ. އަދި އޭގެ 7 މިނަޓްފަހުން މުޙައްމަދު ސަލާޙް ލަނޑެއްޖަހައި ލިވަޕޫލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައިވާއިރު، މެޗުގެ ފުރަތަމަ ހާފު ނިމިގެންގޮސްފައިވަނީ މިނަތީޖާއެކު ދެލަނޑު ތަފާތަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
STRIIIIIIIIIIIKE ?
— Liverpool FC (at ?) (@LFC) November 10, 2019
What a hit, @_fabinhotavares ? pic.twitter.com/xS6Vd0owBe
އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާރ ސިޓީއިން ބޯޅަ ރަނގަޅަށް ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް، މިހަމަލާތަށް ލިވަޕޫލުން ވަރަށް ވިސްނުންތެރިކަމާއެކުވަނީ ޑިފެންޑްކޮށްފައެވެ. އަދި ލިވަޕޫލްގެ ވަރުގަދަ ފޯވާޑް ލައިންވެސް ލިބޭ ފުރުޞަތުތަކުގައި ސިޓީއަށް ޕްރެޝަރު ކުރަމުންދިޔައިރު، މިގޮތަށް ލިބުނު ފުރުޞަތެއްގައި އަރިމަތިން މިޑްފީލްޑަރު ހެންޑަސަން ނަގައިދިން ހުރަހެއްގައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ފޯވަޑް ސާދިއޯ މާނޭ ލިވަޕޫލްގެ ލީޑް 3-0 ފުޅާކޮށްފައެވެ. މިއީ މިއަހަރު އެންފީލްޑްގައި މާނޭ ކާމިޔާބުކުރި 16 ވަނަ ލަނޑެވެ.
އެނބުރި ގޭމްގެ ތެރެއަށް އަންނަން ސިޓީއިން ކުރަމުން އައި މަސައްކަތަށް ކިރިޔާވެސް ނިމުމެއް އައިސްފައިވަނީ މެޗުގެ 78 ވަނަ މިނަޓްގައި ބަނާޑޯ ސިލްވާ ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. އެހެންނަމަވެސް ވަގުތު އޭރުވަނީ މާބޮޑަށްވެސް ކުޑަވެފައެވެ. ބާކީއޮތް މަދު މިނަޓްގައި އިތުރު ލަނޑެއް ފެނިފައިނުވާއިރު މެޗު ނިމިގެން ގޮސްފައިވަނީ 3-1 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެގެންނެވެ.
ޕްރިމިއާ ލީގުގެ މިސީޒަންގައި ލިވަޕޫލް މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެފައިވާއިރު، 34 ޕޮއިންޓާއެކު އެކްލަބު އޮތީ ތާވަލްގެ އެއްވަނާގައެވެ. ދެވަނާގައި އޮތް ލެސްޓާ ސިޓީއަށް ލިބިފައިވަނީ 26 ޕޮއިންޓެވެ.
								
											

