ހދ. ކުޅުދުއްފުށީ އުތުރު ބަނދަރުގައި އޮތް އެމްޓީސީސީގެ ފެރީއެއްގައި ރޯވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފެރީގެ ޖަނަރޭޓަރ ރޫމްގައި ކަމަށާއި، އަލިފާން ގަނޑު ކޮންޓްރޯން ކުރުމަށް އެމްއެންޑީއެފް ނޯދަން އޭރިޔާ އާއި ކުޅުދުއްފުށި ފަޔާރ ސްޓޭޝަން އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ރޯވެފައިވަނީ "އުނިޔަ" ނަމަކަށް ކިޔާ ފެރީއެއްގައެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 13:20 އެހާކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށެވެ.
ކުޅުދުއްފުއްޓަކީ ހއ، ހދ. އަދި ށ. އަތޮޅުގެ ފެރީތަށް ޖައްސާ އުތުރުގެ މައި ރަށެވެ. ކޮންމެ ދުވަހަކު މި ރަށަށް މި ތިން އަތޮޅުން އެކިއެކު ބޭނުންތަކަށް އެތައް ސަތޭކަ ބަޔަކު ދަނީ ދަތުރު ކުރަމުންނެވެ.




