މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ ބާސެލޯނާ ކެޕްޓަން ލިއޮނަލް މެސީކަމަށް މެންޗެސްޓާ ސިޓީގެ މެދުތެރެއަށް ކުޅެމުން އަންނަ ޖަރުމަނުގެ އީކާއީ ގުންޑޯގަން ބުނެފިއެވެ.
އިންޓަރނޭޝަނަލް ބްރޭކްގައި މިހާރު ޖަރުމަނު ޓީމާއި ގުޅިފައިވާ ގުންޑޯގަން މިހެން ބުނެފައިވަނީ، ރޮނާލްޑޯ އަދި މެސީ މިދެކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިއަކީ ކޮބައިކަމާމެދު ކުރެވޭ ބަހުސްގެ ތެރެއިންނެވެ.
"އަހަރެން ދެކޭ ގޮތުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ މެސީ. އޭނާއަށް އާދަޔާ ޚިލާފު ހުނަރުތަކެއް ލިބިފައިވާއިރު، އެހުނަރުތައް ދަނޑުމަތީ އަބަދުވެސް އެދަނީ ދައްކަމުން." ގުންޑޯގަން ބުންޏެވެ.
މީގެއިތުރުން ގުންޑޯގަން ބުނީ، މިޖެނެރޭޝަންގެ 'ސްޓަރ ޕްލެޔަރ' އަކީވެސް މެސީ ކަމަށާއި، އަދިވެސް އިތުރު އަހަރު ތަކަކަށް މެސީ ކުޅޭތަން ފެންނާނެކަމަށް އުންމީދުކުރާކަމަށެވެ.
މިސީޒަންގައި މެސީ މިހާތަނަށް ކުޅުނު 11 މެޗުން 9 ލަނޑު ބާސެލޯނާއަށް ކާމިޔާބުކޮށްފައިވާއިރު، މިދިޔަ ހަފްތާ ބަންދުގައި ސެލްޓަވީގޯ ކޮޅަށްވަނީ ހެޓްރިކެއް ހަދާފައެވެ. ސެލްޓަވީގޯ ކޮޅަށްޖެހި ތިންލަނޑުގެ ތެރެއިން ދެލަނޑު މެސީ ކާމިޔާބުކޮށްފައިވަނީ ހިލޭ ޖެހުމުންނެވެ.
އަދި މިހެޓްރިކާއެކު މެސީ މިއަހަރު ކާމިޔާބުކުރި ލަނޑުގެ އަދަދު ސާޅީސްއަށް އަރުވާފައިވާއިރު، ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި މެސީވަނީ އަހަރު މަދުވެގެން 40 ލަނޑު ކާމިޔާބުކޮށްފައެވެ.



