ޑރ.ޖަމީލް

"އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ލީޑަރުން ބޭނުންވީމަ ލަފުގައި ހިފައި އެއްލައިލެވޭ މަޤާމެއް ނޫން"

އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ލީޑަރުން ބޭނުންވީމަ ލަފުގައި ހިފައި އެއްލައިލެވޭ މަޤާމެއް ނޫންކަމަށް މަޝްހޫރު ގާނޫނީ ވަވަކީލު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މުހައްމަދު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަދު ފަނޑިޔާރުންނަށް އޮތް ބިރުވެރިކަން 1932 ވަނަ އަހަރު އަލަށް ގާނޫނު އަސާސީގެ ވެރިކަން ފެށުނު އިރަށްވުރެ ބޮޑު ކަމަށެވެ.

އަދި އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ލީޑަރުން ބޭނުންވީމައި ލަފުގައި ހިފައި އެއްލައިލެވޭ މަޤާމެއް ނޫންކަމަށާއި، އެއީ މުޅިން ޣައިރު ދުސްތޫރީ ޢަމަލެއްކަމަށެވެ. އަދި ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރޭނެ ކަމަށްވެސް ޖަމީލްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ޖަމީލް މިހެން ވިދާޅުވެފައި އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ މަގާމުން ސަސްޕެންޑްކޮށް އެމަނިކުފާނު އެ މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމި ނިންމުމާއި ގުޅިގެންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބޭއްވި އެ ކޮމިޝަންގެ 80 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲއާ ބެހޭގޮތުން އެ ކޮމިޝަނުން ތަޙްޤީޤުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ ޢަމަލުތަކެއް އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި ފަނޑިޔާރު އަލްއުސްތާޒް އާދަމް މުޙައްމަދު ޢަބްދުﷲ ކޮށްފިކަމަށް ތަޙްޤީޤު ކޮމެޓީއަށް ފެންނާތީ، އަދި ތަޙްޤީޤު ކޮމެޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާ ފަދަ ޢަމަލުތަކެއްކަމަށް ވުމުން، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރުގެ ދަށުން، އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ