2008 ވަނަ އަހަރު ރައީސް ނަޝީދު ދިވެހިރާއްޖޭގެ ވެރިކަމަށް ގެނައުމުގައި ބޮޑުތިލަދުންމަތީގެ ދައުރު ވަރަށް ބޮޑުކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ބާރަށު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަޙްމަދު ޢަބްދުﷲގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރުގެ އެމަނިކުފާނު ވެރިކަމަށް ގެނައުމުގައި ބޮޑުތިލަދުންމަތީގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ވަކިން ޚާއްޞަކޮށް ދެވަނަ ދައުރަކަށް ގެންގޮސްދިނުމުގައި ބޮޑުތިލަދުންމަތީގެ ދައުރު ވަކިން ބޮޑު ކަމަށެވެ.
"ހަޤީޤަތުގައި ފުރަތަމަ ރިޔާސީ އިންތިޚާބު އަޅުގަނޑަށް ކާމިޔާބު ހޯދަން ތިލަދުންމަތީގެ ދައުރު އިންތިހާއަށް ފުޅާ. ދެވަނަ ބުރަށް އަޅުގަނޑު އިންތިޚާބުގައި ގެންދިއުމުގައި ތިލަދުންމަތީގެ ވޯޓު އަދި އެހެންވީމާ އެމީހުންގެ ވޯޓު އަޅުގަނޑުމެނަށް (މުހިންމު)...." ނަޝީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ނަޝީދު އިތުރަށް ވިދާޅުވީ، ބޮޑުތިލަދުންމަތީގެ ކަންކަން އެ އިންތިޚާބުގައި ބެލެހެއްޓެވުމުގައި މިފަހަރު ބާރަށު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ޢަބްދުﷲގެ ދައުރު ވަރަށް ބޮޑު ކަމަށާއި، އެހެންކަމުން އޭނާއަށް ނޫނުކޭ ނުބުނެވޭނެ ކަމަށެވެ.
ކެންޑިޑޭޓް އަޙްމަދު ޢަބްދުﷲ އަށް ތައުރީފް ކުރައްވާ ނަޝީދު އިތުރަށް ވިދާޅުވީ، އޭނާއަކީ އެމްޑީޕީ ނުއުފެދެނީންސުރެވެސް ރައީސް ނަޝީދާއެކު ސިޔާސީ މަސައްކަތް ފައްޓަވާފައިވާ ހަރުދަނާ ބޭފުޅެއް ކަމަށެވެ. މި ރަސްމިއްޔާތުގައިވެސް އެޖެންޑާ 19 އަށް ވަރަށް ބޮޑަށް ނަޝީދު އަލިއަޅުއްވާލައްވާ ވާހަކަދެއްކެވިއެވެ.




