ކީޕަރު ލޮރީސް - ފޮޓޯ: ދި އިންޑިޕެންޑެންޓް

އީޕީއެލް - ލަންޑަން ޑާބީ އެއްވަރު، ފަހުވަގުތު އޮބަމަޔާން ހުއްޓުވީ ކީޕަރު ލޮރީސް

ފަހު ވަގުތު އާސެނަލްގެ އޮބަމަޔާން ޖެހި ޕެނަލްޓީ މަތަކޮށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޓޮޓޭންހާމް ބަލިވިޔަނުދީ ކީޕަރު ލޮރީސް ސަލާމަތްކޮށްދީފިއެވެ.

ރަމްސޭގެ ހިތްގަމު ލަނޑަކުން އާސެނަލް ލީޑުގައި އޮށްވާ މެޗުގެ ފުރިހަމަ ވަގުތުހަމަވާން 16 މިނަޓްއޮށްވާ ލިބުނު ޕެނަލްޓީއަކުން މެޗުގެ ނަތީޖާ އެއްވަރުކޮށް ތިންވަނައިގައި އޮތް ޓޮޓޭންހާމްވަނީ ހަތަރުވަނައާ އެމީހުންނާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓްގައި ހިފަހައްޓާފައެވެ.

މިމެޗަށް އާސެނަލް ނިކުތީ ވަރަށް ބޮޑެތި ބަދަލުތަކަކާއެކުގައެވެ. އެގޮތުން އެންމެ ފަހުން 5-1 ބޯންމައުތު ބަލިކުރި މެޗުގައި ލަނޑު ޖެހި ކުޅުންތެރިންގެ ތެރެއިން އޮޒިލް އަދި އޮބަމަޔާން މިމެޗުގެ ފުރަތަމަ 11 ގައި ނުހިމަނައެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އާސެނަލްއިންނެވެ. މިލަނޑު މެޗުގެ 16 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ އަންނަ ސީޒަންގައި ޔުވެންޓަސްއަށް ދާން އެއްބަސްވެފައިވާ އާރޮން ރަމްސޭއެވެ. މިސްޓޭޑިއަމް (ވެންބްލީ) އަކީ ރަމްސޭއަށް ވަރަށް ޚާއްސަ ސްޓޭޑިއަމްއެކެވެ. އާސެނަލް 2015 އަދި 2017 މިދެއަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްދިނުމަށް ރަމްސޭ މިސްޓޭޑިއަމްގައި ލަނޑުޖަހާދީފައިވެއެވެ.

ކީޕަރު ލޮރީސް، އޮބަމަޔާންގެ ޕެނަލްޓީ ދިފާއުކުރަނީ

އާސެނަލް ލީޑުގައި އޮވެ ހާފް ނިންމާލީ ފަހުކޮޅުގައި ގޯލްކީޕަރު ލެނޯ ކުރި ރީތި ޑަބަލް ސޭވްތަކާ އެކުގައެވެ. އެރިކްސަން އަދި ސަންޗޭޒްގެ ހަމަލާތައް ލެނޯ މަތަކުރީ ހުޝިޔާރު ކަމާއެކުގައެވެ.

ދެވަނަ ހާފުގައި އެރިކްސަންގެ ހިލޭޖެހުމަކުން ޓޮޓޭންހާމްގެ ކޭން ލަނޑެއް ޖަހައިދިންނަމަވެސް އެއީ އޮފްސައިޑް ލަނޑަކަށްވުމުން އެލަނޑުވަނީ ކެންސަލްވެފައެވެ.

މެޗުގައި ޓޮޓޭންހާމް ނަތީޖާ އެއްވަރުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. އާސެނަލްގެ ޑިފެންޑަރު މުސްތާފީ ޓޮޓޭންހާމްގެ ކޭންއަށް ކުރި ފައުލެއްގެ ސަބަބުން ރެފްރީ މިޕެނަލްޓީ ދިން އިރު، އެ ބޯޅަ ހޯދަން ކޭން ދުއްވައިގަންނަ އިރު، އޮންނަނީ އޮފްސައިޑް މަގާމެއްގައެވެ. ކޭން މިޕެނަލްޓީ ކާމިޔާބުކޮށްދިންއިރު މިއީ ކޭން މިސީޒަންގައި ޓޮޓޭންހާމްއަށް ޖަހައިދިން 22 ވަނަ ލަނޑެވެ.

ހެރީ ކޭން ޕެނަލްޓީ ޖަހަނީ

ފަހުވަގުތު އާސެނަލްއަށް މެޗުން މޮޅުވާން ލިބުނު ރަނުގެ ފުރުޞަތު ގެއްލުވާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އޮބަމަޔާންއެވެ. މެޗުގެ ފަހު މިނަޓްގައި އޮބަމަޔާން ފޮނުވާލި ޕެނަލްޓީ ދިފާއުކުރީ ޓޮޓޭންހާމްގެ ހުޝިޔާރު ކީޕަރު ލޮރީސްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް