ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް އިޒްރާއިލުން ދެމުންގެންދާ ހަމަލާތައް، އަންގާރަ ދުވަހުން ފެށިގެން އިތުރުކޮށްފައިވާތީ، އެކަން ތުރުކީގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ތުރުކީ އިން، އިޒްރާއިލުގެ އަމަލުތައް ކުށްވެރިކޮށް، ފޮރިން މިނިސްޓްރީ އިން ބަޔާނެއް ވަނީ ނެރެފައެވެ. މި ބަޔާނުގައި، މި ހަމަލާތަކާއި، އިޒްރާއިލުގެ އިސްތިއުމާރީ ވެރިކަން ނިންމުމަށް ވަނީ ގޮވާލާފައެވެ.
މި ބަޔާނުގައި ތުރުކީ އިން ވަނީ އިޒްރާއިލަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން، 52 އަހަރު ވަންދެން، ފަލަސްތީނުގެ ބިން، އިޒްރާއިލުން ފޭރިގަނެގެން ތިބުމަކީ މި ޒަމާނުގައި ދުނިޔެ ދުށް އެންމެ ބޮޑު އިސްތިއުމާރީ ހަރަކާތްކަމުގައިވަނީ ބުނެފައެވެ. އަދި ބައިނަލްއަޤުވާމީ މުޖުތަމަޢިން، މިކަމުގައި ލޯ މަރައިގެން ނުވާނެކަމަށާއި، އިޒްރާއިލުގެ އިސްތިއުމާރީ ނުވަތަ އަޅުވެތި ސިޔާސަތުތަކާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަން ޖެހޭކެމަށްވެސް ބުނެފައިވެއެވެ.
އިޒްރާއިލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ 23 މީހަކުވަނީ ޝަހީދުވެފައެވެ. ހަމައެހެންމެ، ގިނަ އަދަދެއްގެ ބަޔަކުވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.
ފަލަސްތީނުގެ ހާލަތު ގޯސްވެގެން ގޮސްފައިވަނީ، އިޒްރާއިލުން ހަމަލާ ދީ، "އިސްލާމިކް ޖިހާދު" ނަމަކަށް ކިޔާ ޖަމާއަތެއްގެ ވެރިއަކަށް ހުރި ބަހާ އަބޫ އަލް އައްތާ އާއި އޭނާގެ އަންހެނުން، އަސްމާ އަބޫ އަލް އައްތާ މަރާލުމުންނެވެ.