އިއްޔެވެސް، އިޒްރާއިލުން ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް

ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި ދައުލަތް، އިޒްރާއިލުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނަށް އަމާޒުކޮށް އިއްޔެވެސް، ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އޮތް އިޒްރާއިލުން އިއްޔެ ގާޒާ އަށް ދިން ވައިގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ގެދޮރަށް ގެއްލުންވެފައިވާކަމަށް، ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ. އެގޮތުން، ވައިގެ މަގުން އިއްޔެ އެކަނިވެސް އިޒްރާއިލުން 50 ހަމަލާ ދީފައިވާއިރު، އާޓިލަރީ 21 ހަމަލާ ދީފައިވެއެވެ.

"މާން ނިއުސް އެޖެންސީ" އިން ބުނާގޮތުގައި އިޒްރާއިލުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާ ގެތަކަށާއި، ދަނޑުވެރިކަން ކުރާ ބިންތަކަށާއި، ނައަމްސޫފި ގެންގުޅޭ ތަންތަނަށެވެ. ރަސްމީ ފަރާތްތަކާ ހަވާލާދީ އެ އެޖެންސީން ބުނެފައިވަނީ އިއްޔެ ހަލާކުވި ގެތަކުގެ އަދަދު، 48 އަށް އަރާކަމަށާއި، އޭގެތެރޭގައި އެއްކޮށް ހަލާކުވި ބައެއް ގެވެސް ހިމެނޭކަމުގައެވެ.

ގާޒާގެ ހެލްތު މިނިސްޓްރީ އިން ބުނެފައިވަނީ އިޒްރާއިލުގެ ލާއިންސާނީ ހަމަލާތަކުގައި، ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެފައިވާކަމުގައެވެ. ޚާން ޔޫނިސް ސަރަޙައްދުގައި ދިން ހަމަލާތަކެއްގައި ދެ މީހުން ޝަހީދުވިއިރު، އިތުރު މީހަކު ޒަޚަމްވެފައިވާކަމުގައެވެ.

އިޒްރާއިލުގެ ލާއިންސާނީ އަމަލުތައް ހައްދުން ނެއްޓިފައިވާއިރު، ސުލްހަ ގާއިމް ކުރުމަށް އދ. އިން މިހާރުވަނީ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ގާހިރާ އަށް އޮފިޝަލަކު ފޮނުވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ