ޕްރައިމަރީން ބަލިވާ މީހުނަށް ވާދަކުރެވިގެން ނުވާނެ - ފުއާދު ތަޢުފީޤް

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް، މަޖިލިސް އިންތިޚާބުގައި ވާދަކުރެވިގެން ނުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތަޢުފީޤް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފުއާދު ތައުފީޤް ވިދާޅުވީ، މަޖިލިސް އިންތިޚާބުގެ ކަންކަން ބައްޓަންކުރެވިފައި އޮންނަންވާނީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ކަމަށާއި، ނަމަވެސް އެކަމަށްޓަކައި ޕްރައިމަރީތަކަކީ އިންސާފުވެރި އިންތިޚާބުތަކަކަށް ހަދަންޖެހޭނެ ކަމަށެވެ.

"ޕްރައިމަރީގައި ވަދަކޮށް ބަލިވެއްޖިއްޔާ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮންނަންވާނީ. އެހެންނަމަވެސް އެ ޕްރައިމަރީގެ ކަންތައްތައް އޮތީ އިންސާފުވެރިކޮށްކަން ކަށަވަރުކުރަންވާނެ." ފުއާދު ތަޢުފީޤް ވިދާޅުވެއްޖެއެވެ.

ފުއާދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ޕްރައިމަރީ އޮންނަ ތާރީޚްގެ ހަފްތާއެއް ނުވަތަ ދެހަފްތާއެއްހާ ދުވަސް ކުރިން ޕާޓީއަށް މީހުން ގެނައުން އާއްމު ކަމަށާއި، އެފަދަ ކަންކަމުގެ ސަބަބުން ޕާޓީތަކުގެ ޕްރައިމަރީތައް ބޮއްސުންލާފައިވާ ކަމަށެވެ.

ޕްރައިމަރީތައްވެސް މިއޮންނަނީ ބޮއްސުންލާފައިވާކަމަށް ވިދާޅުވެ ފުއާދު ވިދާޅުވީ، ޕާޓީގައި އުޅޭތާ މަދުވެގެން 3 މަސް ނުވާ މީހުންނަށް އިންތިޚާބުތަކުގައި ވާދަކުރެވިގެންވެސް ނުވާނެ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ދަފްތަރުގައި ރަޖިސްޓަރީ ނުކުރެވުނަސް ޕާޓީއަށް އަލަށް ވައްދާ މީހުންނަށް ޕްރައިމަރީތަކުގައި ވޯޓުލެވޭގޮތަށް އޮންނަ އޮތުންވެސް އެންމެ ރަނގަޅު ނޫން ކަމަށެވެ.

"މިހާ ދޯހަޅީކޮށް، މިހާ ފަސޭހަ ގޮތަކަށް ނޫން މިކަން އޮންނަންވާނީ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޕަރައިމަރީއެއްގައި ވާދަކުރެވެން ވާނީވެސް އެޕާޓީއެއްގައި އުޅޭތާ މަދުވެގެން ތިން މަސްދުވަސް ވެފައިވާ މީހުންނަށް." ފުއާދު ތައުފީޤް ވިދާޅުވިއެވެ.

ފުއާދު ތައުފީޤް އިތުރަށް ވިދާޅުވީ، ޕްރައިމަރީތައް ޕާޓީތަކުން އަމިއްލައަށް ގެންދިޔަ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ރަނގަޅަށް މޮނިޓަރ ކުރަންޖެހޭ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް، މަޖިލިސް އިންތިޚާބުގައި ވާދަކުރެވިގެން ނުވާނެކަމަށް އަމިއްލަ ވިސްނުންފުޅަށް ޤަބޫލުކުރެއްވޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތަޢުފީޤް ވިދާޅުވުވިއިރު، ޕްރައިމަރީތަކުން ބަލިވާ ކެންޑިޑޭޓުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް ޤާނޫނުގައި އޮތް މާއްދާ ދާދި މިދާކަށް ދުވަހު ސްޕްރީމް ކޯޓުން ވަނީ އުވާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ