ޑިއޭގޯ ކޯސްޓާ ތިންމަސްދުވަހަށް ކުޅުމާއި ދުރަށް!

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑު ޑިއޭގޯ ކޯސްޓާ ތިންމަސްދުވަހަށް ކުޅުމާއި ދުރަށްދާންޖެހިދާނެކަމުގެ ބިރު ހީވެއްޖެއެވެ.

މައިބަދައަށް ލިބުނު އަނިޔާއަކާއި ގުޅިގެން ބުދަ ދުވަހު ކުރިއަށްދިޔަ ފަރިތަކުރުންތަކުގައި ކޯސްޓާ ބައިވެރިފައިނުވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ސާޖަރީއެއް ހެދުމަށް ކޯސްޓާ ތައްޔާރުވަމުންދާކަމުގެ ރިޕޯރޓްތަކެއްވެސް މިހާރުވަނީ ފެރިފައެވެ.

އަދި މިއީ ސީރިއަސް އަނިޔާއެއްކަމަށްވާއިރު، ކޯސްޓާ ކޮންމެހެންވެސް ސާޖަރީ ހަދަންޖެހޭނެކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ. އެހެންކަމަށްވާނަމަ ކޯސްޓާ ޖެހޭނީ ތިންމަސްދުވަހަށް ކުޅުމާއި ދުރަށް ޖެހިލާށެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީގެ ކުރިން އެނބުރިކުޅުމަކަށް ނާދެވޭނެއެވެ.

ކުރިއަށް އޮތް ލަލީގާ މެޗުގައި އެތުލެޓިކޯ މެޑްރިޑް ދެން ނުކުންނާނީ ގްރަނާޑާއާއި ދެކޮޅަށެވެ. މިމަހުގެ 23 ވާ ހޮނިހިރު ދުވަހުގެ ރޭ 22:30 ގައި ފެށުމަށް ހަމަޖެހިފައިވާ އެމެޗުގައި ކޯސްޓާ ފެންނާނެކަމަކަށް ނުފެނެއެވެ. އެހެންނަމަވެސް ޕޯޗުގަލްގެ ޒުވާން ތަރި ޔާއޯ ފެލިކްސް އެމެޗުގައި އެނބުރި ޓީމާއި ގުޅޭނެއެވެ.

13 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލްގެ ތިންވަނާގައި އެތުލެޓިކޯ އޮތްއިރު އެއްވަނާގައި އޮތް ބާސެލޯނާއަށާއި ދެވަނާގައި އޮތް ރެއަލްމެޑްރިޑަށް ލިބިފައިވަނީ 12 މެޗުން 25 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ