ފަހަތުން އަރައި މޮލްޑޯވާ ބަލިކޮށް ފްރާންސް ޔޫރޯ 2020 އަށް ކޮލިފައި ވެއްޖެ

ފަހަތުން އަރައި މޮލްޑޯވާ ބަލިކޮށް ފްރާންސް ޔޫރޯ 2020 އަށް ކޮލިފައި ވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗު ފްރާންސްއިން ކޮންޓްރޯލް ކުރަމުންދިޔަނަމަވެސް ވަރުގަދަ ފްރާންސް ސިއްސުވާލީ މެޗުގެ 9 ވަނަ މިނަޓްގައި ވަޑިމް ރަޓާ މޮލްޑޯވާއަށް ކާމިޔާބު ކޮށްދިން ލަނޑާއެކުގައެވެ. ފްރާންސްގެ ޑިފެންޑަރު ލެންގްލެޓަށް ހެދުނު ގޯހެއްގެ ފައިނަގައި ރަޓާ ކާމިޔާބުކުރި މިގޯލާއެކު ފްރާންސްގެ ސަޕޯޓަރުން ކުޑަކޮށް މަޑު ޖެހުނެވެ.

އެހެންނަމަވެސް ފުލުފުލުން ހުއްޓުމެއްނެތި ފްރާންސްއިން ކުރަމުންދިޔަ ހަމަލާތަކާއެކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރާންސްއިން ލަނޑެއްޖަހައި އެނބުރި ގޭމްގެ ތެރެއަށް ވަނެވެ. އެއާއެކު ސަޕޯޓަރުންގެ އަޑު އަނެއްކާވެސް ގަދަވެގެންދިޔައެވެ. ފްރާންސްއިން ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 35 ވަނަ މިނަޓްގައި ރަފެލް ވަރޭން ބޮލުން ކާމިޔާބުކުރި ލަނޑާއެކުގައެވެ.

މެޗުގެ ފުރަތަމަ ހާފު ދެޓީމު ހަމަހަމައިގެ އޮވެ ނިމުނުނަމަވެސް ފްރާންސް ޓީމުގެ ފަރާތުން ފުރަތަމަ ހާފުގައި ފެނިގެންދިޔަ ކުޅުމާމެދު ހިތްހަމަ ނުޖެހޭކަމަށް ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްވަނީ ބުނެފައެވެ.

މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ފްރާންސަށް ލިބިގެން ގޮސްފައިވާއިރު، ފްރާންސްއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން މެޗުގެ 79 ވަނަ މިނަޓްގައި އޮލިވަރ ޖިރޫޑް ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. މިއީ ޖިރޫޑް ޤައުމީޓީމަށް ކާމިޔާބުކޮށްދިން 39 ވަނަ ލަނޑެވެ.

https://twitter.com/iiiispor/status/1195090331500523520?s=20

އިތުރު ލަނޑެއް ނުފެނި މެޗު ނިމެގެން ގޮސްފައިވަނީ 2-1 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.

މިމޮޅާއެކު 9 މެޗުން ލިބުނު 22 ޕޮއިންޓާއެކު ފްރާންސްއޮތީ ގްރޫޕް އެޗްގެ އެއްވަނާގައެވެ. ދެވަނާގައި އޮތް ތުރުކީއަށް ލިބިފައިވަނީ 20 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ